ށ. މިލަންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
މިމަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 45،998،170.00 ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވެއެވެ.