Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

މި މަހުގެ 10-14 އަށް ބީއެމްއެލް ބަންދުވާނެ

ބޮޑު އީދާ ދިމާކޮށް މި މަހުގެ 10-14 އަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގައުމީ ބޭންކުން ނެރުނު ބަޔާނެއްގައި ބުއީ އީދު ބަންދަށް ފަހު މިހާރެކޭ އެއްގޮތަށް ބޭންކް ހުޅުވައި ހިދުމަތް ދޭން ފަށާނީ މި މަހުގެ 17 އިން ފެށިގެން ކަމަށެވެ. އެހެންވެ ބޭންކް ބަންދުކުރުމުގެ ކުރިން ބޭންކަށް ގޮސްގެން ޖެހޭ ހިދުމަތްތަކާއި މުއާމަލާތްތައް ދުރާލައި ނިންމުމަށް ކަސްޓަމަރުންގެ ފަރާތުން ބީއެމްއެލް އިން އެދިފައިވެ އެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ހިދުމަތްތައްތަކަށް އެދި ހުށަހެޅުއްވުން. ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފަރ ފަދަ މުހިންމު ހިދުމަތްތަކަކަށް މިވަނީ ސުންގަޑި ކަނޑައެޅިފައި،" ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވި އެވެ. "އެހެންކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު."

ބީއެމްއެލް އިން ބުނީ އެދުމަކީ ބޭންކިން މުއާމަލާތްތައް ކުރުމަށް ކަސްޓަމަރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރުން ކަމަށެވެ.

"ނަގުދު ފައިސާގެ މުއާމަލާތްކުރެއްވުމަށް އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ،" ސައީދު ވިދާޅުވި އެވެ. "މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިނގ ހިދުމަތްތައް ވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ."