Last Updated: June 12, 05:41
Friday, June 12, 2026
ޚަބަރު

މަގު ހެދުމުގެ މަޝްރޫއު އަތުލީ ގާނޫނާ ހިލާފަށް: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލެސިޓީގެ މަގުހެދުމުގެ މަސައްކަތް މާލެސިޓީ ކައުންސިލްގެ އަތިން އަތުލުމަށް ކެބިނެޓުން ނިންމީ ޤާނޫނާ ހިލާފަށް ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ މަގު ހެދުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުންގެ އަތުން އަތުލާފައިވަނީ ކެބިނެޓުން އެގޮތަށް ނިންމައިގެން ކަމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާކަމަށެވެ. އަދި މިއީ ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ކެބިނެޓުން ފާސްކޮށް، އޮންނަ އުސޫލުން މަޖިލީހުން ބަޖެޓް ފާސްކޮށް ޕީއެސްއައިޕީ ތެރޭގައި ހިމަނައިގެން މާލޭ ސިޓީ ކައުންސިލުގެ މަޝްރޫއުއެއްގެ ގޮތުގައި ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މިމަޝްރޫއު އަވަހަށް ނިންމުމަށް ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބަދަލާއެކު ރޯޝަނީ މަގުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ބަޖެޓްގެ ދަތިކަން ދިމާވި ކަމަށެވެ. އެގޮތުން ރޯޝަނީ މަގުގެ ވަކި ހިސާބަކުން ފައިސާ ދޫކުރުން ހުއްޓާލި ކަމަށާއި، މަސައްކަތް ނިމުމުންވެސް ފައިސާ ދޫކޮށްފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާރުޑީސީއަށް ވެސް ގެއްލުންވި ކަމަށާއި، އަދި އެ ހިސާބުން އެކުންފުނިން މަސައްކަތް ހުއްޓާލި ކަމަށެވެ.

މާލެސިޓީ މަގު ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލުމަށްފަހު ޕްލޭނިން މިނިސްޓްރީން ވަނީ އެ މަސައްކަތުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައެވެ. އެ މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށެވެ.