ރާއްޖޭގެ އިގްތިސާދީ ހާލަތު ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިަވނީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އާދަމް ޝަރީފް ވިދާޅުވީ އާންމުންގެ ޖީބަށް ބާރު ބޮޑުވާނެ ގޮތަށް ޓެކްސްތައް ބޮޑުކުރަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ފޫބައްދަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ވާނީ އެންމެ ނިކަމެތި އާންމު ރައްޔިތުންނަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިސާދީ ހާލަތާއި މިސްރާބު، ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމައި އެކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ނަގާ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން މިހާރު ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށާއި ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް އަދި ނުނިންމާ ކަމަށެވެ.