Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ގެ ސްޕޮންސަރަކަށް ސްޓެލްކޯ

ފޮޓޯ: ސްޓެލްކޯ

"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރ ކޮށްފިއެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަދު ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު އެ ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސޮޕޮންސަރކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ، "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށާއި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާވެގެންގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން. އެގޮތަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެސްއޯއީސްތަކުން، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނިތަކުން، މިކަހަލަ ގޮތަކަށް ހަވާސާވެގެންދާ ފަރާތްތަކާއި ދޭތެރޭގައި އަޅާލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލު ކުރަން" ޝަރީފް ވިދާޅުވި އެވެ. 

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ، މިދިޔަ 22 އަހަރު ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށާއި، އޭގެ ތެރެއިންވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، އެކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށްދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށެވެ.

އެހެން ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި، މާލީ ދަތިތަކާއި ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވިކަން ޝިރުހާނާ ފާހަގަކުރެއްވިއެވެ.