ރާއްޖޭގައި މިހާރަކަށް އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް ނުބައި އަމަލުތައް ހިންގާ މީހުންނާއި އެފަދަ މަންޒަރުތައް ފެންނަ އެއްޗެހި ދައުރުކުރާ މީހުންނާ މެދު ވެސް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީން މިކަމަށް ގޮވާލައި ބަޔާނެއް ނެރުނު އިރު، ތަފާތު އެކި ބާވަތުގެ ކުށްތައް ހުއްޓުވުމުގެ އެންމެ ޒިންމާ އޮތީ އަދާލަތު ޕާޓީގެ އިސް ފަރާތް ކަމަށްޗާ ޝައިހް އިބްރާމް އަބްދުﷲ ހަވާލުވެވަޑައިގެން ހުންނެވި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންގެ މައްޗަށެވެ.
ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ގްރޫޕް ހަދައިގެން ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވި ނަމަވެސް އެފަދަ އެއްޗެހިން ފެންނަ މީހުންނާއި އަދި އެކަމާ ގުޅުން އެއްވެސް ބަޔަކަށް މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ. އަދި މިފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް، މިހާތަނަށް މިކަމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ފާހަގަކުރެވެ އެވެ.
ނޫސް ބަޔާން: ފާޙިޝް ޢަމަލުތައް ހިންގައި ފަތުރާ ފަރާތްތަކާމެދު ސަމާލުވެ ފިޔަވަޅު އެޅުމަށް ގޮވައިލުން https://t.co/PPDX7eQdPt pic.twitter.com/WvD5BJZyuA
— Adhaalath Party (@AdhaalathOffice) July 5, 2022
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ ފާހިޝް އަމަލުތައް ފެންނަ އެއްޗެހި ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާ އިން ދައުރުކުރަމުން ގެންދިއުމަކީ ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ކުރާނެ ތަކެތި ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް މުޖުތަމައުގައި ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި، މީސްތަކުންގެ މެދުގައި މުންކަރާތްތައް އާންމުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
"އެހެންކަމުން، މިފަދަ ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި މިފަދަ އަމަލުތައް ފަތުރަމުން ގެންދާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގައި ދައުވާ ސާބިތުވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އޭގައި ވަނީ އިންސާނީ ވެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ހައްގު ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފަ އެވެ. އަދާލަތުން ބުނީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއް ޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުން ފަދަ ކަންކަން ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ޖައްސަން މަސައްކަތް ކުރާ ކަމަށެވެ.
"މިއީ ވަރަށް ދުރަށް ރޭވިގެން ހިންގާ ނުރައްކާތެރި އަނދިރި ޕްރޮޕަގެންޑާއެކެވެ،" ބަޔާނުގައިވެ އެވެ. "ލާދީނީ، ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ބޭނުންވާނެ ތައުލީމާއި ދީނުގެ އިލްމު ސްކޫލުތަކުގައި ފޯރުކޮށްދެވެން އެބަ ޖެހޭ،" އަދާލަތުން ބުންޏެވެ.
އެ ޕާޓީން ބުނީ މި ވަގުތު އެންމެ އެދެވޭ ގޮތުގައި އެކަން ކުރެވެމުން ނުދާކަމީ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ތައުލީމީ މުއައްސަސާތަކުން އެކަމަށް ހާއްސަ އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލާ ކަމަށެވެ.
"މިއީ ގައުމީ ނިސްބަތެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު ވަބާއެކެވެ. ފިކުރީ ހަނގުރާމައިގެ ކުންނެކެވެ." ބަޔާނުގައި ބުންޏެވެ.
އަދާލަތު ޕާޓީން ބުނީ ބުނީ ލިވާތުކުރުމާއި ޖިންސީ ނަހަމަ ގުޅުންތަކަކީ މާތްﷲގެ ކޯފާ އާއި ލައުނަތް ހައްގުވާ އަމަލުތަކެއް ކަމަށެވެ. އެހެންވެ އެއްވެސް ބިރެއް ނެތި އެފަދަ އަމަލުތައް ހިންގާ މީހުންގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރި އާންމުވެދާނެ ކަމަށް ވެސް ބުންޏެވެ.
މިހާތަނަށް އާންމުވެފައިވާ ފާހިޝް އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ރާއްޖޭގެ ސިޔާސީީ ދާއިރާ އިން ފެންނަ ބައެއް މީހުންނާއި އެފަދަ މީސްމީހުންނާ ގުޅުން ހުރި މީސްމީހުންނެވެ.