Last Updated: June 12, 05:41
Friday, June 12, 2026
ޚަބަރު

ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތަކާ ކުންފުނިތަކުގެ ކޮރަޕްޝަން

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ކުރިން ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތަކާއި ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ނިންމާފައިވާކަން ހާމަކުރުމާއި ގުޅިގެންނެވެ.

އެގޮތުން ބޮންޑޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ރައްޔިތުމީހާ ގެ ބަތްތައްޓަށް އަތް ބޭނުމުގެ ކުރީން" ފުރަތަމަ ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތައް ކަމަށެވެ. އަދި މައިތިރި ކުރަންވީ ސަރުކާރުގެ 32 ކުންފުނިން ހިންގަމުންދާ ކޮރަޕްޝަން ކަމަށެވެ.

"އުވާލަން ބުނި ބޭކާރު ކުންފުނިތައް އުވާނުލާ ޖީއެސްޓީ އިތުރު ކުރުމަކީ ފޫނެތްފަޔަށް ފެން ފުރުންފަދަ ކަމެކެވެ." ބޮންޑޭ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށެވެ.