Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އީދު ފެސްޓިވަލްގެ ތައްޔާރީތައް ފޯރީގައި

މީދޫގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ތައްޔާރުވަމުން އަންނަނީ: ފޮޓޯ - މީދޫ އަވަށު އޮފީސް

އައްޑޫ އީދު ފެސްޓިވަލްގެ ތައްޔާރީތައް މީދޫގައި ވަރަށް ފޯރިއާ އެކު ކުރިއަށް އެބަދެ އެވެެ.

އައްޑޫ މީދޫގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރުމަށް ވަމުން އަންނަ ތައްޔާރީތަކުގެ އަމަލީ ސިފަ ޖެހި، އަވަށުގެ އަންހެން ފިރިހެން އެންމެން ގުޅިގެން ތައްޔާރީތަކުގައި އަމަލީގޮތުން ބައިވެރިވަމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.

އެގޮތުން އީދު ނަމާދުގެ ބޮޑު ޖަމާއަތްކުރަން ހަމަޖެހިފައިވާ މީދޫ ޝަމްސުއްދީން ސްކޫލް ސާފުކުރުމުގެ މަސައްކަތުގައި އަވަށުގެ އަންހެނުން ބުރަކޮށް މަސައްކަތްކުރަމުން އަންނަ އިރު، މީދޫ ޓުއަރިޒަމް ޒޯން ސަރަހައްދު ވެސް އީދަށް އަންނަނީ ޒީނަތްތެރިކުރަމުންނެވެ. ޓުއަރިޒަމް ޒޯނުގައި ސްޓޭޖް ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަށުގެ ފިރިހެނުން ބައިވެރިވަމުން އަންނައިރު، ކޭމާ އާއި، އީދު ސަޔަށް އަންހެނުން އަންނަނީ ތައްޔާރުވަމުންނެވެ.

މީދޫގައި ބާއްވާ އައްޑޫ އީދު ފެސްޓިވަލުގައި ފައިގަތަޅާ މުބާރާތަކާއި، ޕާކް ވޮލީ މުބާރާތަކާއި، ވާދެމުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫ ޓްރެއިލް ރަންގެ ނަމުގައި ދުވުމަކާއި، އިސްރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަ ހަވީރުތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އީދު ފެސްޓިވަލުގެ ތެރެއިން މަސްރޭހަކާއި، އިހުގެ ހަރަކާތްތައް އެކުލެވޭ އިވެންޓެއް ބާއްވަން ހަމަޖެހިފައިވާ އިރު، ބޮޑުމަސް އަދި މާލި ޕެރޭޑެއް ވެސް ބާއްވަން ނިންމާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އައްޑޫ އީދު ފެސްޓިވަލަކީ މީދޫގެ ޒުވާނުން އިސްނަގައިގެން ބޮޑު އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފެސްޓިވަލުގައި ބައިވެރިވުމަށް އަވަށުން ބޭރުގެ ގިނަ ބަޔަކު މީދުއަށް އަންނާނެކަމަށް ލަފާކުރެވޭއިރު، މީދޫގެ ރައްޔިތުން އަންނަނީ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.