Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ކޯފާއެއްގެ ކުރިން ޖަރީމާތައް ހުއްޓުވަން ގޮވާލައިފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް-

އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން އެއް ޖިންސުން ގުޅުން ހިންގުން ފަދަ ޖަރީމާތައް ހުއްޓުވަން މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އިން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ އުސޫލުތަކާއި އާންމު މިންގަނޑުން ބޭރުވެ، ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި ބަދުއަހުލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ވީޑިއޯތަކުން ފެންނަ ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި މުޖުތަމައަށް ދޫވެފައި ތިބުން އެމްޑީއޭ އިން ވަނީ ކުށްވެރިކޮށްފަ އެވެ.

ލިވާތު ކުރުންފަދަ ފާހިޝް އަމަލުތަކަކީ، އެކަމުގެ ސަބަބުން މުޖުތަމައަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ އަމަލުތަކެއް ކަމަށާއި އެއީ ވޭތުވެދިޔަ ޒަމާނުގެ އުންމަތްތަކަށް މާތްﷲ ކޯފާ އައުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށް އެމްޑީއޭ އިން ބުނެފައިވެ އެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެންމެހައި ފަރާތްތަކައް މިޕާޓީން ގޮވާލަން. އަދި އިސްވެބަޔާންވެދިޔަ މައްސަލައިގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް މުޖުތަމައުން އެކަހެރިކޮށް ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ އިދާރާތަކަށް މިޕާޓީން އިލްތިމާސްކުރަން." އެ ބަޔާނުގައިވެ އެވެ.

އެމްޑީއޭއިން ވަނީ ދިވެހީންގެ އިސްލާމީ އަގީދާ އާއި މުޖުތަމައުގެ އަހުލާގުން ބޭރު އެއްވެސް ކަމަކަށް ދިވެހި ބިމުގައި ފުރުސަތު ނުދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.