Last Updated: June 21, 13:18
Sunday, June 21, 2026
ޚަބަރު

އާންމު މަގުތަކުގައި ރޭސް ޖެހުން ހުއްޓާލާ: ރޭމް

އާންމު މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވައި ރޭސް ޖެހުން ހުއްޓާލައި ރޭސް ޖަހާ މީހުން ޒިންމާދާރުވުމަށް ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ގޮވާލައިފި އެވެ.

ހޯމަ ދުވަހު މާލޭގައި ރޭސިން ކާރަކާއި ބަހެއް ޖެހިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކަންބޮޑވުން ފާޅުކޮށް އެ ޖަމިއްޔާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ އާންމު މަގުތަކުގައި ރޭސްޖެހުން ނިމުމަކަށް ގެންނަންވީ ވަގުތު ކަމަށެވެ. ކާރާއި ބަސް ޖެހިގެން ހިނގި އެކްސިޑެންޓްގައި އެކަކު މަރުވެ، ހަތަރު މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

ރޭމް އިން ބުނި ގޮތުގައި މިފަދަ ހާދިސާތަކެއްގައި ބައެއްގެ ފުރާނަ އަށް ގެއްލުންވުމަކީ ވަރަށް ކަންބޮޑުވާ އަދި ވަރަށް ހިތާމަކުރާ ކަމެކެވެ. އެހެންވެ ރޭސްޖަހާ މީހުން މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވެ، އަމިއްލަ ފުރާނަ އާއި އެހެން މީހުންގެ ރައްކާތެރިކަމާ ދޭތެރޭ ވެސް ވިސްނަން ޖެހޭ ކަމަށް ބުންޏެވެ.

ރޭމް އިން ބުނި އެ ޖަމިއްޔާ އޮތީ ރޭސްޖަހާ މީހުންނަށް ބޭނުންވާ އެހީތެރިކަން ވެސް ދޭން ތައްޔާރަށެވެ. އެގޮތުން މަގުތަކުގެ ރައްކާޔެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަަތު އަބަދު ވެސް އޮންނާނެ ކަމަށް ބުންޏެވެ.

"އެހެންވީމަ އަހަރެމެން ގުޅިގެން މަގުތައް ރައްކާތެރިކުރަމާ ހިނގާ." ރޭމް އިން ބުންޏެވެ.

ވެރިރަށް މާލޭގައި ރޭސް ކާރެއް އެކްސިޑެންޓްވި އިރު، ރާއްޖޭގައި މިހާތަނަށް މަގުމަތީގެ އެންމެ ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިވާ އައްޑޫގައި އަންނަ މަހު ރޭސިން އިވެންޓެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.