Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ގޯގޯ ލަތީފުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް

މި މަހުގެ ތިނެއްގައި އަވަހަރާވި ގޯގޯ މުހައްމަދު ލަތީފުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގދ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ލަތީފުގެ ހަނދާނުގައި އިއްޔެ ހަވީރު ހުޅުވި ތައުޒިޔާގެ ދަފުތަރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ސޮއިކުރައްވާފައިވެ އެވެ.


އިއްޔެ ހަވީރު 4:00 ގައި ހުޅުވި ދަފުތަރުގައި ސޮއިކުރުން ކުރިއަށް ދިޔަ ނަމަވެސް އެކަން ކުރިއަށް ދާނީ ކިހާ ދުވަހަކަށް ކަމެއް މަޖިލީހުގެ އިދާރާ އިން ހާމައެއްނުކުރެ އެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވި ލަތީފަކީ އަވަހާރަވެފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަގާމު ލަތީފު ފުރުއްވި އެވެ.