ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލްގައި މަސައްކަތްކުރި ބިދޭސީ ޓީޗަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.
ހޯދަން ނޯޓިސް ނެރުނީ މަޖީދިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިސާބު ކިޔަވައިދިން އިންޑިއާގެ ކެރެލާ އަށް އުފަން އޮމަނަކުއްޓަން ކަރޫނާކަރަކުރޫޕު، 55، އެވެ. އޭނާ ހޯދަން އިއުލާންކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އޮމަނަކުއްޓަން މައްޗަށް 2020 ގައި އެ ތުހުމަތު ކުރެވުނީ ތަކުރާރުކޮށް، 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެގެންނެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުލިބެ އެވެ.
އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުން އޮމަނަކުއްޓަން ހޯދަން އިއުލާންކުރީ މައްސަލަ ބަލަމުން ދަނިކޮށް އޭނާ ފިލައިގެން ދިއުމާ ގުޅިގެންނެވެ. ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޓީޗަރު ފުރުވީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ މެދުވެރިވެގެން ކަމަށެވެ.