އައްޑޫގައި ބިނާކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު މިދިޔަ މަހުގެ ތެރޭގައި ބީލަމަށްލާ ގޮތަށް އޮތަސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން އެނގިއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހިތަދޫ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު މޫސާ އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި އިސްލާމީ މަރުކަޒު އަޅަން ކައުންސިލުން ބިން ކަނޑައަޅައި އެތަނުގެ ޑިޒައިންގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ޖޫން މަހު ކުރީކޮޅު އެ މަސައްކަތް ޓެންޑަކުރެވި، އަންނަ އަހަރުގެ ފަހުކޮޅަށް އައްޑޫ އިސްލާމީ މަރުކަޒުގެ މަަސއްކަތް ނިންމައިލެވޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފާއިތުވި މަހާއި މި މަހުގެ މިހާތަނަކަށް ވެސް އައްޑޫ އިސްލާމީ މަރުކަޒާ ބެހޭ އެއްވެސް ވާހަކައެއް އިސްލާމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ވެސް ނުދައްކަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު އިސްލާމީ މަރުކަޒު ހުޅުމާލޭގައި ހަދަން ނިންމައި އޭގެ ޑިޒައިން މުބާރާތެއްގައި މެއި މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހުޅުވާލި އެވެ.

އައްޑޫގައި އިސްލާމިކް ސެންޓަރެއް ހަދާ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ވައުދުވެވަޑައިގެންފައިވެ އެވެ.
އެގޮތުން 2019 ގައި އައްޑު އަށް ކުރެއްވި ދަތުރުގައި އެ އަހަރުގެ މާޗް 8 ވަނަ ދުވަހުގެ ރޭ މަރަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި އިސްލާމީ މަރުކަޒެއް ބިނާކުރާނެ ކަމަށެވެ.
ރައީސް ސޯލިހު އޭރު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ދިރުވައި، ރައްޔިތުންގެ ހިތުގައި އިސްލާމީ ރިވެތި ސިފަތަށް އަށަގެންނެވުމަށް އައްޑޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން އެއްފަހަރާ 2000 މީހުންނަށް ނަމާދުކުރެވޭނެ އިސްލާމީ މަރުކަޒެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.