މިރޭ 7:45 ހާއިރު ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ (ހުސެއިން މޫސާ) މިސްކިތް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެސަރަހައްދުގައި ހުރި "އައްޑޫ ލައިވް" ރިޕޯޓަރު ބުނީ އެކްސިޑެންޓް ވެފައި ވަނީ ވޭވް ސައިކަލަކާއި ޕަލްސާއެއް ޖެހިގެން ކަމަށެވެ.
މީގެ ތެރެއިން ވޭވް ސައިކަލް ދުއްވަން އިނީ އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރެއް ކަމަށްވާ ހިތަދޫ ސަނީ ޑޮރޮޕް، ރިއްފަތުﷲއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިއްފަތުގެ ބޯ ފަޅައިގެން ގޮސް އޭނާގެ މޫނުމަތިން ބޮޑު ބައެއް ވަނީ ޗިސްވެފައެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ރިއްފަތުއަށް މިވަގުތު ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށްވެއެވެ. ހޮސްޕިޓަލް ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު މި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް ޕަލްސާ ސައިކަލުގައި ތިބި 2 މީހުނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ހަބަރު ލިބެއެވެ.
މިރޭގެ އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދަކީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ގަވާއިދާއި ހިލާފަށް ދުއްވާފައި އައި ޖިޕަކުން ޖެހި އަންހެނެއްގެ ފައި ބިނދި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ސަރަހައްދެވެ.
….
