Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ނޫސްވެރިންގެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅައިފި

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ބިލް ތަސްދީގުކުރަން ގޮވާލައި ރައީސަށް ހުށަހަޅަން ނޫސްވެރިން ސޮއިކުރި ޕެޓިޝަން މިއަދު ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުރިއަށް ގެންދިޔަ ޕެޓިޝަން ހުށަހެޅީ 158 ނޫސްވެރިންގެ ސޮޔާ އެކީ އެވެ.

ނޫސްވެރިންނާއި އެ މީހުން ތަމްސީލުކުރާ ފަރާތްތަކުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހުނުކޮށް ފާސްނުކުރަން އެދިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކުރީ މިދިޔަ މަހުގެ 30 ގަ އެވެ. މި ބިލާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭގެ 136 ވަނަ މާއްދާ އެވެ.

އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

އެހެންވެ މިއީ ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ކަމެކެވެ.

އެހެންވެ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ) އިން ވަނީ ބިލް ތަސްދީގުނުކުރަން ގޮވާލައިފަ އެވެ.