Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ދިވެހި ހައްޖުވެރިން މިނާގައި

މި އަހަރު ރާއްޖޭން ޙައްޖަށް ދިޔަ ޙައްޖުވެރިން މިނާއަށް ހިނގައްޖެ އެވެ.

މިނާއަށް ޙައްޖުވެރިން ދިޔައީ ރާއްޖެ ގަޑިން ހެނދުނު ރާއްޖެ 8:00 ގަ އެވެ. ރާއްޖޭން މި އަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާ އިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ބުންޏެވެ.

މިނާ އަށް މިއަދަކީ ހޫނު މަޑު ދުވަހެކެވެ. މިނާގެ ފިނި ހޫނުމިން ހުރީ 36 ޑިގްރީ ސެންސިއަސްގަ އެވެ.

ޙައްޖުވެރިން މިނާ އިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެ އެވެ.

ޢަރަފާތަށް ދިޔުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. އެތަނުގައި ރޭކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށް ފަހު މިނާގައި ރޭކުރުމަށް ފަހު، ތިން ޖަމްރާއަށް ހިލައުކުމަށް ފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުމަށެވެ.

ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ޙައް ޖުދުވަހަކީ މާދަމަ އެވެ.