Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

އަރަފާތް ދުވަސް؛ އެންމެ މާތް ދުވަސް

އެއީ އެންމެ މާތް ދުވަހެވެ. މި މަތިވެރި ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އެ ދުވަސް ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރެއްވި އެއް ދުވަހެވެ. އެ ދުވަހުގައި ހިފާ ރޯދައިގެ ސަވާބާއި ދަރުމަ އިތުރުވެގެންވާ ދުވަހެކެވެ. އަޅުތަކުން ކުރެ އެންމެ ގިނަބަޔަކު ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އާދެ، އެއީ ޢަރަފާތް ދުވަހެވެ.

ދުނިޔޭގައި މާތް ﷲ ލެއްވި އެންމެ މާތް ދުވަހަކީ ޢަރަފާތް ދުވަހެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "وَمَا مِنْ يَوْمٍ أَفْضَل عِنْدَ اللهِ مِنْ يَوْمِ عَرَفَة" މާނައީ: "އަދި މާތް ﷲ ގެ ޙަޟްރަތުގައި ޢަރަފާތް ދުވަހަށްވުރެ މާތް ދުވަހެއް ނުވެއެވެ." (ابن حبان: 3853)

މި މާތް ދީން ފުރިހަމަ ކުރެއްވިކަމުގެ މަތިވެރި ޚަބަރު ދެއްވީ، ޢަރަފާތް ދުވަހު މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެ މާތް ބިމުގައި ހުންނަވަނިކޮށެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ (المائدة: ‎٣) މާނައީ: "ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ".

ޢަރަފާތް ދުވަސް ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރެއްވީ މިފަދައިންނެވެ. ﴿وَشَاهِدٍ وَمَشْهُودٍ﴾ (البروج: ٣) މާނައީ: "އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ." އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "އަދި الْيَوْمَ الْمَشْهُوْد އަކީ ޢަރަފާތް ދުވަހެވެ." (الترمذي: 3339)

އެ ދުވަހަކީ ރޯދަހިފުން ސުންނަތްކަން ގަދަ ދުވަހެއްކަމުގައި ލެއްވިއެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. (صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ) (مسلم: 1162) މާނައީ: "ޢަރަފާތް ދުވަހުގެ ރޯދައިން ފާއިތުވެދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ ފާފަ ފުއްސެވުމަށް، ﷲ ގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ".

އެންމެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވަނީ ޢަރަފާތް ދުވަހެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ: "ޢަރަފާތް ދުވަހަށްވުރެ ގިނައިން، މާތް ﷲ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ނުވެއެވެ." (مسلم: 1348)

މި މާތް މަތިވެރި ދުވަހު ކުރައްވާނީ ކޮން ދުޢާއެއްތޯ، މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝާ رضي الله عنها މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އާ ސުވާލު ކުރެއްވި ހިނދު، އެކަމަނާއަށް އުނގަންނަވައިދެއްވީ އަންނަނިވި ދުޢާއެވެ. "لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" އެވެ. (الترمذي: 3585) ❑

ނޯޓް: މިއީ ޝައިހް އިމާދު ޔޫސުފްގެ ލިޔުމެކެވެ.