Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

"ރިއްފަތުގެ ހާލު ސީރިއަސް"

ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ ކުރިމަތިން މިރޭ 7:45 ހާ އިރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް އަނިޔާވި ސ.ހިތަދޫ، ސްނޯ ޑްރޮޕް، ރިއްފަތުﷲ އަހުމަދުގެ ހާލު ސީރިއަސްކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތް ކުރަމުން އަންނަ ފަސްޓް ސާޖަންޓް ރިއްފަތުﷲ އާއި އޭނާގެ ރައްޓެހި އެހެން މީހަކާއި އެކު މިރޭ އިޝާ ނަމާދަށް މަސްޖިދުއް ތަގްވާއަށް ވަންނަން ދަނިކޮށް ހިނގި އެކްސިޑެންޓާއި ގުޅިގެން ރިއްފަތު ބޯފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ވަނީ ފައިބާފައެވެ.

ހޮސްޕިޓަލުން ބުނީ ރިއްފަތު ފުރުވުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. ނަމަވެސް ރިއްފަތު މާލެ ގެންދެވޭނެ ކަަމަށް ބެލެވެނީ މިރޭ ދަންވަރުގެ ގަޑިއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އާއި އާއިލާ ގުޅިގެން ރިއްފަތު ފުރުވާލުމަށް މަސައްކަތް ކުރާއިރު މިހާރު އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވަނީ އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓެއް މިވަގުތު ހުޅުލޭގައި ނެތުމުންނެވެ.

"ފުރޭ ގަޑިއެއް އަދި ރަސްމީކޮށް ނޭގޭ، ހުޅުލޭއަކު މޯލްޑިވިއަންގެ ބޯޓެއް ނެތް. ބޯޓެއް މާލެއިން ފުރުވޭނެކަމަށް ބުނެފައިވަނީ މިރޭ 11:30 ހާއިރު" އެމްއެންޑީއެފް އޮފިޝަލަކު ބުންޏެވެ.

މި ހާދިސާގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ޕަލްސާ ސައިކަލްގައި ތިބި ދެ މީހުންނަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. އަދި ރިއްފަތު އިން ސައިކަލް ދުއްވި މީހާއަށްވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.