މާދަމާ ފާހަގަކުރާ އީދު ދުވަހާ ގުޅިގެން އައްޑޫ މީދޫގައި "އައްޑޫ އީދު ފެސްޓިވަލް" ގެ ނަމޔގައި ބާއްވާ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މީދޫގައި ވަރަށް ފޯރިގަދަކޮށް، ގިނަ ކުޅިވަރުތަކާ އެކު އީދު ފެސްޓިވަލް އިންތިޒާމުކުރަނީ އެ އަވަށުގެ ޒުވާނުންތަކެއް އިސް ނަގައިގެންނެވެ. އެގޮތުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ "އައްޑޫ އީދު ފެސްޓިވަލް" އަށް ދުރާލައި ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފައިވެ އެވެ.
މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމާ ބެހޭ ގޮތުން ދިރާގުގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ އިވެންޓްގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މުޖުތަމަޢުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ފަދަ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވި އެވެ.
"އައްޑޫ އީދު ފެސްޓިވަލް" ގެ އިންތިޒާމު ޓީމްގައި ހިމެނޭ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ހައްވާ މުހައްމަދު ވަނީ ޒުވާނުން އިސް ނަގައިގެން ބާއްވާ މިފަދަ އިވެންޓްތަކަށް ދިރާގުން ދޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީދޫގައި "އައްޑޫ އީދު ފެސްޓިވަލް" ގެ ނަމުގައި އީދު ކުލަގަދަކޮށް ފާހަގަކުރާ އިރު، މުޅި އައްޑޫގައި އީދި ފާހަގަކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ "އައްޑޫ އީދި ސަމާ" ގެ ނަމުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ.