Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ރިއްފަތު އިތުރު ފަރުވާއަށް ލަންކާއަށް

ރޭ 7:45 ހާއިރު ހިތަދޫ ބޮޑު މަގުގައި ހުންނަ މަސްޖިދުއް ތަގްވާ (ހުސެއިން މޫސާ) މިސްކިތް ސަރަހައްދުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާ ލިބުނު ރިއްފަތުﷲ އަހުމަދު އިތުރު ފަރުވާއަށް މިއަދު ހެނދުނު ލަންކާއަށް ގެންގޮސްފިއެވެ.

ރިއްފަތުގެ އާއިލާގެ މެމްބަރަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ވިދާޅުވީ ރިއްފަު ރޭ ދަންވަރު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުން އެމްއާރްއި ހެދި އިރު ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައިވާކަމަށް ސްކޭނުން ދައްކާކަމަށެވެ. އެހެންވެ ޑޮކްޓަރުންގެ އިރުޝާދާއި އެކު ހެނދުނު ލަންކާއަށް ފޮނުވާލާފައިވާ ކަމަށެވެ.

"ދެންމެ ބޯޓު ލަންކާއަށް ޖައްސާނީ، އެހެންވެ ލަންކާއިން އަދި އިތުރު ހަބަރެއް ނުލިބޭ، މިކޮޅުން ގެންދިޔައިރުވެސް ހޭނާރާ"

މިހާދިސާގައި ރިއްފަތުގެ އިތުރުން 3 މީހަކަށް އެކަވަރުގެ އަނިޔާވެފައެވެ.

ރިއްފަތު އިން ސައިކަލް ދުއްވި ސ.ހިތަދޫ، ރާގު، މުހައްމަދު ޝަރީފް ބުނީ، އިޝާ ނަމާދަށް ދާން މިސްކިތަށް ރިއްފަތު އާއި ދެމީހުން ސައިކަލުން ގޮސް، ސައިޑްލައިޓްދީ، ލޯގަނޑުން ފަހަށް ބެލިއިރު އެއްވެސް ދުއްވާއެއްޗެއް ފެންނަން ނެތްކަމަށެވެ. ނަމަވެސް ސިކުންތު ކޮޅެއްގެ ތެރޭ ވަރަށް ބާރަށް ސައިކަލެއް އަންނަ އަޑު އިވުނު ކަމަށެވެ. އަދި އަޑު އިވުނުތަނާ ހެން ސައިކަލް އައިސް އެމީހުން ދުއްވި ސައިކަލްގެ ފަހަތުގައި ޖެހި އެކްސިޑެންޓްވިކަމަށެވެ.

މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އަދި އިތުރު ތަފްސީލެއް ނުލިބެއެވެ.