Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޕިކްނިކް އައިލޭންޑް މިނިވަން ދުވަހު ހުޅުވާލަނީ

މާލޭ ސަރަޙައްދުގައި އުޅޭ މީހުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީ މިނިވަން ދުވަހާ ދިމާކޮށް އާންމުންނަށް ހުޅުވައިލަން ނިންމައިފި އެވެ.

އެތަނުގެ މަސައްކަތް ފެށި އިރު ވެސް އަމާޒަކަށްވެފައި އޮތީ ޖުލައި 26 އަށް ރަށް ހުޅުވުމެވެ.

ކުރިން މާލެ ސަރަހައްދުގެ މީހުން ދަތުރުދާން ބޭނުންކުރި ކުޑަބަނޑޮސް ފަހުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާތީ ދަތުރުދާނެ ހާއްސަ ރަށެއް ނެތުމަކީ މާލެ ސަރަހައްދުގެ މީހުން އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ޝަކުވާތަކާއި ފާޅުކުރަމުން އައި ކަންބޮޑުވުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހޯދައިދޭ ހައްލެކެވެ.

ބިން ހިންކައިގެން ތަރައްގީކިރާ ކުޑަގިރީގެ މަސައްކަތްތައް ދާ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ބައްލަވާލައްވަން ވެސް ރައީސް ވަޑައިގެންނެވި އެވ. މި ރަށަކީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަރައްގީކުރާ ރަށެކެވެ. އެ ކުންފުނިތަކަކީ އެމްޓީސީސީ، ސްޓެލްކޯ، ފެނަކަ، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އެވެ.

ރަށް ތަރައްގީ ކުރުމުގެ މައިގަނޑު މަސައްކަތްތައް އެމްޓީސީސީން ހަވާލުކުރީ 41 މިލިއަން ރުފިޔާއަށެވެ.

ކުޑަގިރީގައި ދަތުރުދާ މީހުންނަށް ފަސޭހަ އިން އަރައިފޭބޭނެ ގޮތާއި ބޭނުންވާ ވަރަށް ގިނަ ވަސީލަތް ވެސް ހުންނާނެ އެވެ. މި ރަށް ފެހިކުރުމުގެ މަސައްކަތް ވެސް އަންނަނީ ވަރަށް ބޮޑަށް ކުރެވެމުންނެވެ.