Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

މީހުން މަރަން ހިތްވަރެއް ނުދޭނަން: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މިހާރު މަޖްލިސް މެމްބަރު އަދި އެދާއިރާގެ ގޮޑިއަށް ކެމްޕެއިން ކުރައްވަމުން އަންނަ މުހައްމަދު އަސްލަމް، އެދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަލީ އިބްރާހިމަށް މަރުގެ އިންޒާރު ދިންކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ނޫސް ބަޔާނެއް ނެރުމާއި ގުޅިގެން އަސްލަމް އެކަން ދޮގު ކުރައްވައިފި އެވެ.

އަސްލަމް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި މީހުން މެރުމަށާއި، ބިރު ދެއްކުމަށް ހިތްވަރުދޭ މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ މީހުން މަރަން، މީހުންނަށް ބިރު ދައްކަން ހިތްވަރު ދޭ މީހެއް ނޫން، ނުވެސް ދޭނަން، ތީ ބޮޑު އޮޅުވާލުމެއް." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އޭނާ އާއި ބެހޭ ގޮތުން ޕީޕީއެމްއިން ނޫސްބަޔާނެއް ނެރެގެން އުޅޭ ކަމުގެ އަޑު އަހާފައިވާ ކަމަށާއި، މިކަމަކީ ސިޔާސީ ބޮޑު ސްޓަންޓެއް ކަމަށެވެ.

1979466_461005337362491_1526273136_n

"މީ އިންތިހާބުގައި ތާއިދު ހޯދަން ދައްކައިގެން އުޅޭ ވާހަކައެއް، ސިޔާސީ ސްޓަންޓެއް" އަސްލަމް ވިދާޅުވިއެވެ.

ޕީޕީއެމް ނެރެފައިވާ ނޫސް ބަޔާނުގައި އަލީ އިބްރާހިމްގެ ކެމްޕެއިން ތަކެއްޗަށް އަސްލަމްގެ ފަރާތުން ގެއްލުން ދެމުންދާ ކަމަށް ވަނީ ބުނެފައެވެ.

އަސްލަމް ވިދާޅުވީ އޭނާގެ ކެމްޕެއިން ޓީމުގެ ފަރާތުން އަލީ އިބްރާހިމްގެ ކެމްޕެއިން އެއްވެސް ތަކެއްޗަކަަށް ގެއްލުން ނުދޭކަމަށެވެ. އަދި އެފަދަ ކަމެއް އޭނާގެ ޓީމުން ނުކުރާނެކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ކެމްޕެއިން ފޯރި ގަދަވެފައިވާ އިރު، އަލީ އިބްރާހިމްގެ ފަރާތުން އަސްލަމް ކެމްޕެއިން ޓީމުން ތަކެތި ހަލާކު ކުރާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.