Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އީދު ނިމޭ އިރު ތަކެތީގެ އަގު އިތުރަށް ބޮޑުވާނެ

އީދު ޗުއްޓީ ނިމޭ އިރު ތަކެތީގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ، ސަރުކާރުން ގެންގުޅޭ އިގުތިސާދީ ސިޔާސަތަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެ އެވެ.

މާވަށު ދާއިރާގެ މިހާރުގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ފައިސާ ޗާޕްކުރުން ކަމަށާއި އެެކަމަކު މިއީ އެކަން ކޮށްގެން ހިފަހެއްޓޭނެ ހާލަތެއް ނޫން ކަމަށެވެ.

"ބޯހަރުކަމާ އެކު ދެވަނަ ލަންކާ އަށް ރާއްޖެ ނުހައްދަވާ،" ސައީދު ވިދާޅުވި އެވެ. "ޢީދުޗުއްޓީނިމޭއިރު ތަކެތީގެ އަގު އިތުރަށް ގޯސް!"

ރާއްޖޭގެ ދަރަނި ވެސް ބޮޑުވެ، އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްސްތައް ބޮޑުކުރަން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށް ޓޫރިޒަމް ދާއިރާ ތަމްސީކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިހާރު ރާއްޖެ އަށް އޮތް ހާލަތުގެ ސަބަބުން ތަކެތީގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެފައިވެ އެވެ.