އައްޑޫ ހިތަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތަށް ބަދަލުކޮށްފި އެވެ.
މިއާ އެކު ކުރިން ހިތަދޫ ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރުގެ އިމާރާތުގެ ބައެއްގައި ހިންގަމުން އައި ޑްރަގް ސެންޓަރުގެ ހުރިހާ މަސައްކަތްތަކެއް ދެން ކުރިއަށް ދާނީ ކުރީގެ ހޮސްޕިޓަލްގަ އެވެ. އެ އިމާރާތުގައި ހިންގަމުން އައި ހޮސްޕިޓަލް އުވާލައި ޖެނުއަރީ 15، 2020 އިން ފެށިގެން އައްޑޫ ހޮސްޕިޓަލް ހިންގަމުން އަންނަނީ ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.
އެ އިމާރާތް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް އައްޑޫ ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއިއެޗް) ގެ ނަމުގަ އެވެ.
ކުރީގެ ހޮސްޕިޓަލް ހުއްޓައިލުމަށް ފަހު، އެތަން ހިންގި އިމާރާތް ފަހުން އެންމެ ބޮޑަށް ބޭނުންކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހިތަދޫ ފްލޫ ކްލިނިކާއި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގަ އެވެ.

ކުރީގެ އެޗްއާރްއެޗް އިމާރާތަށް ހިތަދޫ ޑްރަގް ސެންޓަރު ބަދަލުކުރުމާ ގުޅިގެން އެ ސެންޓަރަށް ކުރިން ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ވެސް ބޮޑު ހައްލެއް ލިބޭނެ އެވެ. މި އަހަރުގެ ކުރީކޮޅު އެ ސެންޓަރުގެ ސްޕްރިންޑެންޓް ޝަރަފުއް ސާދާތު "އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސެންޓަރުގެ ކައުންސެލިން ރޫމްތަކުގެ އަދަދު ފަހެކަށް އިތުރުވެ، އެއްފަހަރާ ފަރުވާދެވޭ މީހުންގެ އަދަދު 36 އަށް އިތުރު ވެސް ވާނެ ކަމަށެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުމީދޫގައި ވެސް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ޑިޓޮކްސް ސެންޓަރެއް ހުޅުވައިފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުވި އެ ސެންޓަރުގެ ނަމަކީ "ވިލުނު" އެވެ.