Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ދެ ރަށަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފި

ދެ ރަށަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ކ. ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ގއ. ވިލިނގިލީގައި ޖުލައި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ އޮޕަރޭޝަނަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހު 7 ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.