އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ނުދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ އެއްމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސޯލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅު ތަކަކީ، މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލު ކަމަށެވެ. އަދި ރައީސް ސޯލިހްގެ ކިބައިގައި ވެރިއެއްގެ ކުފޫހަމަވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
ކޮވިޑުގެ އެއްމެ ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސް @ibusolih ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅު ތަކަކީ،މިއަދު އަޅުގަނޑުމެން ނަށް ފެންނަމުންދާ އަވަށްޓެރި ގައުމު ލަންކާގެ ހާލަތަށް މިގައުމު ނުދިއުމުގެ އަސްލެވެ،ވެރިއެއްގެ ކުފޫހަމަވެއެވެ.🙏 pic.twitter.com/shXyEzs9kf
— Mohamed Raee / Makunudhoo Constituency (@Mraee12) July 10, 2022
ރާއީ މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަވަށްޓެރި ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާއިރު، އެ ގައުމުގައި އެކަމުގެ ސަބަބުން އަންނަނީ ހުއްޓުމެއްނެތި މުޒާހަރާތައް ކުރަމުންނެވެ. އަދި އެގައުމުގެ ރައީސް އާއިު ބޮޑުވަޒީރުވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތާއި އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަ ދައްކަވާ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދުއެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި، ރައިސް ނަޝީދު ތުހުމަތު ކުރައްވަފަދަ ކަމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެހެން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވެ އިގްތިސާދީ ހާލަތު ދަށްވެދާނެ ކަމަށްބުނެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާ ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާކަން އަމީރު ހާމަކޮށްފައިވެއެވެ.