މިއަދަކީ އައްޑޫގައި ތިބެގެން ޕައިލެޓް ކޯސް ހަދާ ކުދިންނަށް ވަރަށް އުފާވެރި ދުވަހެކެވެ. ކުރިން ގަމުގައި ހިންގަމުން އައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގި ފްލައިން ސްކޫލް ހުއްޓާލި އިރު، ކޯސް ފުރިހަމަނުކުރެވި "ވާނުވާގައި" އެތައް ދަރިވަރުންނެއް ތިބެ އެވެ. އެ ދަރިވަރުންގެ އަދަދު 35 އަށް އަރަ އެވެ.
މި ދަރިވަރުން މިހާތަނަށް ގެންދިޔައީ ކޯސް ފުރިހަމަނުކުރެވި "ގަނަތެޅެމުން" ނެވެ. އެހެންވެ އެކަމަށް ވެސް ހައްލެއް ހޯދައި ދޭން އުފެއްދި މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ފްލައި ސްކޫލަށް މިދިޔަ ހަފުތާގައި ރަސްމީކޮށް ހުއްދަ ލިބި، އެތަނުގައި ކޯސް ފުރިހަމަކުރާ ފުރަތަމަ ބެޗްގެ ގޮތުގައި ކުރީގެ 35 ދަރިވަރުން މި ވަނީ ވެފަ އެވެ. މިއަދު އެ ދަރިވަރުންގެ ކޯހުގެ ޕްރެޓިކަލް ބައި ފެށުނީ މިކަމަށް އިންތިޒާކުރާތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.

އެ ދަރިވަރުން އޭވިއޭޝަން އެކަޑެމީއާ އެކު ރިފެރްޝާ ކޯސް ނިންމީ މެއި މަހުގެ ތެރޭގަ އެވެ.
ދަރިވަރުންނަށް މިއަދު ޕްރެކްޓިލް ބައި ފެށުމާ އެކީ ދެން ކޯހުގެ ބާކީ އޮތް ބައި، ނިންމާލައި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ވެސް ހާސިލުރަން ދެން މާ ގިނަ ދުވަހެއް ނޯންނާނެ އެވެ. ކޯހުގެ އިންތިޒާމު ހަމަޖައްސައި ދީފައި އޮތީ ވެސް ދަރިވަރުންގެ ކޯސް މެދުކެނޑުނު އިރު، ފުރިހަމަކޮށްފައިވާ ބަޔާ ހިސާބުން ކުރިއަށް ގެންދާ ގޮތަށެވެ. މިކަން މިގޮތަށް ހަމަޖެހުނީ ދަރިވަރުންގެ ވަރަށް ބޮޑު ޑިމާންޑަކާ ވެސް އެކީގަ އެވެ.
ގަމުގައި މިހާރު މޯލްޑިވްސް އޭވިއޭޝަން އެކަޑެމީން ހިންގަން ފެށި ފްލައިން ސްކޫލަކީ އައިލޭންޑް އޭވިއޭޝަން (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ތަނެކެވެ. އަދި މި ފްލައިން ސްކޫލް ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމިއާ ގުޅިގެންނެވެ.

މިއަދު ކޯހުގެ ޕްރެޓިކަލް ބައިތައް ފެށުގެން ދިއުމަކީ އާ ފްލައިން ސްކޫލްގައި ޕައިލެޓް ކޯސް ހަދަން ނިންމާފައިވާ އަދި އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވެސް ވާނެ އެވެ. އޭވިއޭޝަން އެކަޑެމީން ބުނެފައި ވަނި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 74 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކުރުމެވެ.
Managing Director Mr. Mohamed Mihad and Deputy Managing Director Ms. Aishath Jennifer met with student pilots currently in Addu. Thankyou for the visit.@MaldivianAero @Ganairportco @FlyingAcademy pic.twitter.com/j2HLNZFqTP
— Maldivian Aviation Academy (@mvaviationacad) July 7, 2022
އޭވިއޭޝަން އެކަޑެމީން ބުނެފައި ވަނީ ފުރަތަމަ ބެޗްގައި ހިމެނޭ 35 ދަރިވަރުންގެ އިތުރުން ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.