Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މީދޫގެ ލެންޓާން އިވެންޓް ނިންމާލައިފި

އައްޑޫ މީދޫގައި ފާހަގަކުރާ އައްޑޫ އީދު ފެސްޓިވަލްގެ ތެރެއިން ރޭ ބޭއްވި ލެންޓާން އެރުވުމުގެ އިވެންޓް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އޯޕެން މައިކް ޝޯވ އާއެކު ކުރިއަށްގެންދިޔަ ލެންޓަރން އެރުވުމުގެ އިވެންޓުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ.

މީދޫ ޑައިނަމިކް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އައްޑޫ އީދު ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭއިރު، އިއްޔެ މީދޫގައި ފައިގަތަޅާ މުބާރާތަކާއި، ކުޑަކުދިންގެ ހަވީރަކާއި، މަސްރޭހަކާއި އޯޕަން މައިކް ޝޯވ އެއް ވަނީ ބާއްވާފައެވެ.

މީދޫގައި ލެންޓަރން އެރުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ އަވަށުގެ ޓުއަރިޒަމް ޒޯން ސަރަހައްދުގައެވެ. އާންމުންގެ ފުރިހަމަ ތަރުހީބެއް ލިބުނު މި އިވެންޓް މިރޭ އީދު ޝޯވ އަށް ފަހުގައިވެސް ކުރިއަށް ގެންދެވޭނެކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

އައްޑޫ އީދު ފެސްޓިވަލް ކުލަގަދަކޮށް މީދޫގައި ފާހަގަކުރެވެމުން ދާއިރު، މި ފެސްޓިވަލްގެ އިވެންޓުތައް ޕީއެސްއެމް ނިއުސްއިން ދުރަށް ދައްކަމުންވެސް ދެއެވެ. މި ފެސްޓިވަލް ކާމިޔާބުކަމާއެކީ ނިންމާލުމަށް މީދޫގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އެބަ އާދެއެވެ.