Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

މީދޫގައި މިރޭ ހަވާ އަރުވަނީ

އައްޑޫ މީދޫގައި ފާހަގަކުރާ އައްޑޫ އީދު ފެސްޓިވަލްގައި ހަވާއެރުވުމުގެ ހަރަކާތް މިރެއަށް ތާވަލުކޮށްފިއެވެ.

ހަވާއެރުވުމުގެ މި އިވެންޓަކީ އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

މީދޫގައި ހަވާއަރުވަން ތާވަލުކުރެވިފައިވާ ގަޑިއަކީ މިރޭ 20:45 އެވެ. ހަވާ އަރުވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މީދޫ ބަނދަރު ސަރަހައްދެވެ.

މީދޫ ޑައިނަމިކް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އައްޑޫ އީދު ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭއިރު، އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އިއްޔެ މީދޫގައި ޕާކް ވޮލީ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޭ މީދޫގައި ލެންޓަރން އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިރޭވެސް ލެންޓަރން އަރުވާނެކަމަށް މީދޫ ޑައިނަމިކް ކޮމިއުނިޓީން މަޢުލޫމާތު ދެއެވެ.

އައްޑޫ އީދު ފެސްޓިވަލް ކުލަގަދަކޮށް މީދޫގައި ފާހަގަކުރެވެމުން ދާއިރު، މި ފެސްޓިވަލްގެ އިވެންޓުތައް ޕީއެސްއެމް ނިއުސްއިން ދުރަށް ދައްކަމުންވެސް ދެއެވެ. މި ފެސްޓިވަލްގައި މިއަދު ކުރިއަށްގެންދަން ހަމަޖެހިފައި އޮތީ ވާދެމުމުގެ މުބާރާތާއި، މާލި އަދި ބޮޑުމަސް ޕެރޭޑާއި، އީދު ޝޯވ އަދި އިނާމުދިނުމުގެ ޖަލްސާއެވެ.