Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކޮވިޑްގެ އޮޑިޓަކުން ގިނަ ބަޔަކު ތިބޭނީ ޖަލުގައި

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު. ފޮޓޯ/ ސަން

ކޮވިޑް-19 ގެ ބަލިމަޑުކަމާ ވިދިގެން ސަރުކާރުން ކުރި ހަރަދުގެ ފުރިހަމަ އޮޑިޓެއް ހަދައިފި ނަމަ މި ސަރުކާރުގެ ގިނަ ބަޔަކު ޖަލަށް ދާން ޖެހޭ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޕީޕީއެމްގެ ސެނެޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް މެނޭޖްކުރުރުމުގެ ނަމުގައި ދައުލަތުން ކުރި ހަރަދުގެ ފުރިހަމަ މިނިވަން އޮޑިޓެއް ހެދުން މުހިއްމު ކަމަށެވެ.

"[އެކަމަކު] އަދިވެސް އެފަދަ އޮޑިޓެއް ކުރުމުގެ ވިސްނުން ވެސް ނުގެންގުޅޭ. ގޫޑް ގަވަނަންސްގެ މާނަ ރައީސް އިބޫ އަށް ތަރުޖަމާކޮށްދެއްވީ ގޯސްކޮށް." މަލީހު ވިދާޅުވި އެވެ.

އޭނަ މި ގޮތަށް ވިދާޅުވި ނަމަވެސް ރައީސް ސޯލިހަށް ތާއިދުކުރައްވާ ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ރާއްޖެ އަށް ކޮވިޑްގެ ހާލަތުން އެހާ އަވަހަށް އަރައިގަނެވި، ރާއްޖޭގެ އިގުތިސާދު ވެސް ރަނގަޅު ހާލަތަކަށް ގެނެވުނީ ކޮވިޑް މެނޭޖްކުރައްވަން ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ ސަބަބުންނެވެ. އަދި މިއީ ދުނިޔޭގެ މަދު ލީޑަރަކަށް ނޫނީ ހޯދިފައި ނުވާވަރުގެ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ކޮވިޑާ ވިދިގެން ރާއްޖޭގައި ކޮރަޕްޝަނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފެންމަތިވިކަމެވެ. އޭގެ ތެރޭގައި ވެންޓިޓޭލަރު ގެންނަން ހެދި އެއްބަސްވުންތަކާއި މި ނޫން ވެސް އެތައް ގޮތަކުން ކޮވިޑްގެ ނާޖާއީޒު ފައިދާ ނުފޫޒު ގަދަ މިސްމީހުން ނެގިކަމުގެ ވާހަކަ އަކީ މި ސަރުކާރާއި ކޮރަޕްޝަނާ ގުޅުވައިގެން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ.