Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މާލޭ މީހުންގެ ބޯހިޔާވަހި ކަމަށް ހުރަސް ނާޅާ: ރީކޯ

މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަކީ މައްސަލައަކަށްވެގެން ނުވާނެ ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މޫސާ މަނިކު ރީކޯ) ގޮވާލައްވައިފި އެވެ.

މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކުރީގެ ފިލްމީ ތަރި މިއަދު ކުރެއްވި ޓްވީޓްކެއްގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ހިލޭ ބިން ދޫކުރަން ސަރުކާރުން އުޅޭތީ އެ ވާހަކަ ބަޔަކު ދައްކަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

"މާލޭން ގޯތި ދިނުމަކީ ރާއްޖޭގެ އެއްވެސް ރައްޔަތެއްގެ ހިތުގާ ދެކޮޅުވެރި ކަމެއް އޮތް ކަމެއް ނޫން . މަދު ސިޔާސީ މީހަކު އަދުގެ ސަރުކާރާ ދެކޮޅަށް ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައި [ދައްކާ ވާހަކައެއް އެއީ]،" މޫސަ ވިދާޅުވި އެވެ. "މާލޭ އުފަން ރައްޔަތުންނާ މުޅިއުމުރު މާލޭގައި ދިރިއުޅުނު މީހުނގެ ބޯހިޔާވަހިކަމަށް ހުރަސް ނާޅާ."

އޭނާ ވިދާޅުވީ މާލޭގެ ބިމަށް ވަމުންދާ ގޮތް މާލޭ މީހުން އަބަދުވެސް ބަލާނެ ކަމަށެވެ.

"ކުރިން ހުޅުލޭން ހުޅުމާލެ އަށް ދާން އޮތްމަގު ކޮނެފައި ހުރިހާ ވެއްޔެއް ނަގައި އެއާޕޯޓް ހަދަން އައި ކުންފުންޏަކަށް ވިއްކާލީ އެއާޕޯޓަށް އަޅަން ވެލި މަދުވެގެންތޯ؟ ނޫނީ ޕްރޮޖެކްޓް ފެށިއިރު ވެސް އެކަން ރާވާފައި އޮތްގޮތް ތޯ؟" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި މާލޭގެ ބިމުން ހެންވޭރު ސޯމިލް ފަދަ އެތައް ތަށްބިމެއް އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ރައްޔތުން ހިއްސާވާ ކުންފުނިތަކަށް ނަގައގެން ވިޔަފާރިކޮށް ފައދާނަގާތާ އެތަށް ޒަމާނެކެވެ.

"އެ ބިންތަކުން ހަމަ އަގު މާލޭ މީހުނަށްތޯ ދެނީ؟ އެތަންތާ ފްލެޓް އަޅާފައި ނުދީ އޮތީ މާލޭ މީހުން ބޭނުން ނެތިގެންތޯ؟" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގުޅީފަޅު ހިމެނޭ ގޮތަށް މާލޭ ރައްޔިތުންނަށް 3،000 ގޯތި ހިލޭ ދޭން ސަރުކާރުން ނިންމައި އެކަމަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި އެއީ އިންސާފުން ކުރާ ކަމެއްތޯ ބެލުމަށް މަޖިލަށް ފޮނަދޫ ދާއިރާހެ މެމްބަރު މޫސާ ސިރާޖް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.