Last Updated: July 18, 17:34
Saturday, July 18, 2026
ރިޕޯޓް

އުގައިލް: ކުދިންނަށް ފައިސާގެ މުއާމަލާތް ދަސްކޮށްދީ

ހަސަން އުގެއިލް - ފޮޓޯ: ޓްވިޓާ / އުގެއިލް

ކުޑަކުދިންނަށް ފައިސާގެ މުއާމަލާތްތައް ދަސްކޮށްދިނުން ވަރަށް މުހިއްމު ކަމަށް ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

އުގެއިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ދުނިޔެވީ ކަންކަމާއި ގުޅިގެން ހިނގާ ހަރަދުބަރަދާއި ފައިސާގެ މުއާމަލާތްތައް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިގޮތުން، ކުޑައިރު މިކަމަށް ކުއްޖާ ލޯހުޅުވިއްޖެނަމަ ފައިސާއަށް ރައްކާތެރިވުމާއި އެބެލެހެއްޓުމުގެ މުހިއްމު ހުނަރުތައް ގައިގައި އަށަގަންނާނެ ކަމަށް އުގެއިލް ވިދާޅުވި އެވެ.

"ދަރަނިތަކުން ސަލާމަތްވެ ލިބޭ އެއްޗަކުން ދެކޮޅުޖައްސަން ދަސްވުމާއި ފަހަށް ފައިސާ ރައްކާކުރުމުގެ ރަނގަޅު އާދަ ގައިގަ ހަރުލާނެ. މާލީކަންތައްތަކާ ގުޅޭގޮތުން ބުއްދިވެރި ނިންމުންތައް ނިންމަން ދަސްވާނެ." އުގެއިލް ވިދާޅުވި އެވެ.

މީގެއިތުރުން އެފަދަ ކަންކަން ދަސްވުމަކީ ބޮޑުވެގެން މާލީގޮތުން ޒިންމާދާރު އުފާވެރި ދިރިއުޅުމެއްގައި ދެމި ހުންނަ މީހަކަށް ވުމަށް ކުއްޖާއަށް އަޅާދެވޭ ފުރިހަމަ ބިންގަލަކަށް ވާނެ ކަމަށްވެސް އުގެއިލް ވިދާޅުވި އެވެ.

އުގެއިލް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ދަރަނި ވެސް ބޮޑުވެ، އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މި ނިންމުމަށް އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށް ޓޫރިޒަމް ދާއިރާ ތަމްސީކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިހާރު ރާއްޖެ އަށް އޮތް ހާލަތުގެ ސަބަބުން ތަކެތީގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެފައިވެ އެވެ.