Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މުސްތަފާގެ ތުހުމަތެއް ރައީސަށް؛ 27.4 މިލިއަން ރުފިޔާ ދީ

ރައީސް މުހައްމަދު ސޯލިހު 27.4 މިލިއަން ރުފިޔާ އޭނަ އަށް ދޭން އެބަހުރި ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ތުހުމަތުކުރައްވައިފި އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގެ ހެކި ވެސް އެބަހުރި ކަމަށާއި އެ ފައިސާ އަކީ މަޖިލީހުގެ މެމްބަރުންތަކެއް ގަންނަން ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެމްއާރްއާރްގެ ފާރިސް މައުމޫނާ ދެ މީހުންވެގެން ހޯދި ފައިސާތަކެއް ކަމަށެވެ.

"މެމްބަރުން ގަންނަންވެގެން އިންތިހާބުތެރޭ ވިއްކާލި މަގޭ ބޯޓް އެ އޮތީ ހުކުމް ތަންފީޒުނުކުރެވިފައި،" މުސްތޮފާ ވިދާޅުވި އެވެ. "އެހެންކަމުން އެ ހުކުމުގައި ބުނާ 1.278 މިލިއަން ޑޮލަރު ވެސް ދޭން ޖެހޭނެ."

އޭނަގެ މި ޓްވީޓާ ގުޅިގެން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފު ވިދާޅުވެފައި ވަނީ މުސްތޮފާގެ އެ ތުހުމަތަކީ ހަގީގަތެއް ކަމަށެވެ.

"އެ ކުރައްވަނީ ހައްގު ދައުވާއެއް. އެ ދުވަހަކީ 26 އޮކްޓޫބަރު 2017 ވަނަދު ވަސް. އެއީ ކުރީގެ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރަންއޮތް ދުވަހެއް. އޭރުގެ ސަރުކާރަށް އުޅެނީ ޓެކްސް ހިމެނޭ ކަމެއް ކަމުން އެކަމަށް މަޖިލިސްގެ އަޣުލަބިއްޔަތު ބޭނުންވާތީ 43 މެމްބަރުން ހަމަނުވެގެން." އޭނަ ވިދާޅުވި އެވެ.

ރައީސްގެ މައްޗަށް މުސްތޮފާ ފައިސާގެ ބޮޑު ތުހުމަތެއް ކުރެއްވި އިރު، އެ މަނިކުފާނު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާގަ އެވެ.