Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ބޮޑީބިލްޑިން މުބާރާތް ނުބާއްވަން އިޔާޒް ގޮވާލައިފި

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް

މާފުށީގައި ބޭއްވުމަށް ނިންމާފައިވާ އޭޝިއަން ބޮޑީބިލްޑިން މުބާރާތް ނުބޭއްވުމަށް ޑރ. މުހައްމަދު އިޔާޒް ގޮވާލައިފިއެވެ.

މާފުށީގައި ބޭއްވުމަށް ނިންމާފައިވާ އޭޝިއަން ބޮޑީބިލްޑިން މުބާރާތާ ގުޅޭގޮތުން އިޔާޒް ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ، ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި "އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް" އިތުރު ގެއްލުން ޤައުމާއި ރައްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ބޮޑީބިލްޑިންގެ ނަމުގައި މިހާތަނަށް މިކަން މިރާއްޖޭގައި ކުރިވަރަށް ވުރެއް އެތައް ގުނައެއް ގޯސްކޮށް، މީހުން ދިރިއުޅޭ ރަށެއްގައި ހިންގަން އުޅޭ ހަރަކާތް ހުއްޓާލަން އަހުމަދު މަހުލޫފަށް ގޮވާލަން. ދެންވެސް ވިދާޅުވާނީ މިޔޮށް ހުރިހާ ދުވަހު ޝައިޚުން ކޮބައިތޯއޭ؟ ނޫނީ މިކަން ކުރީ ފަސް ނަމާދު ކޮށްގެންނޭތޯ؟" މިނިސްޓަރު މަހުލޫފް ޓެގްކޮށް ކޮށްފައިވާ ޓްވީޓެއްގައި އިޔާޒް ވިދާޅުވިއެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މާފުށީގައި ބޭއްވުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ޖުމުލަ 28 ގައުމަކުން 500 އަށްވުރެއް ގިނަ އެތްލީޓުން ބައިވެރިވާނެ ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.