ސ. ހިތަދޫގެ ތިން މަގަކާއި، ހުޅުދޫގެ މަގު ހެދުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ނަހަދާ މަގު ހެދުން ކުރިއަށް ގެންދާ މައްސަލަ ސީރިއަސްކަމާ އެކު ބަލަމުންދާ ކަމަށް އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓަރ އިބްރާހިމް ނައީމް "އައްޑޫ ލައިވް"އަށް ވިދާޅުވީ ހިތަދޫގެ މަގުތަކެއް ހަދަމުންދާ ކަމުގެ ހަބަރު ލިބުމާއި ގުޅިގެން މަގު ހަދަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ވެރިންނަށް ގުޅައި ހަބަރު ބެއްލެވިކަމަށެވެ. ނަމަވެސް އެމީހުން މަގު ހަދާކަމަށް އެއްބަސް ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ.
"އީއައިއޭ ހެދުމަކާއި ނުލައި މަގު ހަދަމުންދާ ކަމަުގެ ޝަކުވާ ކޮންމެވެސް ފަރާތަކުން މިއިދާރާއަށް އެންގުމުން އަޅގަނޑުމެން އެމްއާރްޑީސީގެ ފަރާތުން މައުލޫމާތު ހޯދުމުން އެބޭފުޅުން ވިދާޅުވީ މަގު ނަހަދާކަމަށް، އެކަމަކު އަޅުގަނޑު މެންނަށް އިތުބާރު ހުރި ފަރާތްތަކުން މަގު ހަދަމުންދާ ތަނުގެ ފޮޓޯ ލިބިފައި އެބަހުރި. މިދަނީ އެކަން ބަލަމުން" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މަގާއި ގުޅޭ އީއައިއޭ ރިޕޯޓެއް އޮތްތޯ ބެލުމަށް އައްޑޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އެދިފައިވާ ކަމަށެވެ.
ނައީމް ވިދާޅުވީ ކޮންމެ ފަރާތަކުން ކުރި ނަމަވެސް ގާނޫނާއި ހިލާފް ވެއްޖެ ނަމަ އެ މަަސައްކަތް ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހޮސްޕިޓަލަށް ދާން އޮންނަ މަގުގެ ކުރެހުމާއި، އީއައިއޭ ކައުންސިލަށް ފޮނުވައިދިނުމަށް މިދިޔަ ބުދަ ދުވަހު ރޯޑް ކޯޕަރޭޝަނުގައި އެދިފައިވާނެކަމަށެވެ. ނަމަވެސް އެފަދަ ކުރެހުމަކާއި ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ކުރެވޭ އެއްވެސް މަސައްކަތެއް ނުހުއްޓުވާނެކަމަށެވެ. ނަމަވެސް އެފަދަ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ ލާމަރުކަޒީ ގާނޫނާއި ދެންވެސް ހުރި ގާނޫނުގެ ތެރެއިން ކަމަށް ސޯބެ ވިދާޅުވިއެވެ.

ރޯޑް ކޯޕަރޭޝަނުން ވަނީ ހޮސްޕިޓަލަށް ދާން އޮތް މަގަށް ހިލަ އަޅައި ތާރު އަޅަން ތައްޔާރުކޮށްފައެވެ. އަދި ސަންލައިޓް ހިނގުމުގެ މަގު ހެދުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މަގު ހެދުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ފަރާތުން މެދު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ހިޔަލީ މުހައްމަދު ރަޝީދު ބައިވެރި ކުރައްވައިގެން ބޭއްވި ރަސްމިއްޔާތުގައި މާޗް 22ގެ ކުރިން މަގު ހަދައި ނިންމާނެކަމަށް ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނުން ކުރިއަށް ގެންދާއިރު، މަގު ބަންދު ކުރުމާއި، މަގު ހަދަމުންދާ ކަން އަންގައިދޭ ބޯޑު ޖެހިފައި ނުވާކަން ފާހަނގަ ކުރެވެއެވެ.