Last Updated: July 18, 17:34
Saturday, July 18, 2026
ރިޕޯޓް

"ފްލެޓެއް ލިބިއްޖެ، އެކަމަކު ވަދެވޭ ގޮތެއް ނުވޭ"

"ކޮބާ މިހާރު ފްލެޓްގަތަ ދިރިއުޅެނީ؟" ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލުން ހަވާލުކުރި ފްލެޓެއް ލިބުނު ރައްޓެއްސަކާ ދިމާވެގެން އެހީމެވެ.

އެކަމަކު އެ ސުވާލަށް އޭނަ ދިނީ މާޔޫސީ ޖަވާބެކެވެ؛ ނޫނެކެވެ. ވަދަވޭނެ އިރެއް އަދިވެސް ނޭނގެ އެވެ.

ސަބަބަކީ ކޮބައިތޯ އަހާލުމުން އޭނާ ދެން އޮއްސައިލީ ފްލެޓް ލިބޭ އެހެން މީހުން ވެސް އާންމުކޮށްކުރާ ޝަކުވާތަކެވެ.

އޭނަ އަކީ ހިތަދޫގައި ހެދި 264 ފްލެޓްގެ ތެރެއިން އެންމެ ފަހުން ހަވާލުކުރި 28 ފްލެޓްގެ ތެރެއިން ފްލެޓެއް ލިބުނު މީހެކެވެ. ފްލެޓްގެ ތަޅުދަނޑި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ލިބުނީ އެކަމަށް ކުރިމަތިލައިގެން އުޅޭތާ ދެ އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުންނެވެ. މައިގަނޑު ޝަކުވާތަކަކީ ހަމަ ފްލެޓް ލިބުނު އެހެން މީހުން ވެސް ހަމަ ކުރިން ކޮށްފައިވާ ކަހަލަ ޝަކުވާތަކެވެ.

މި ފްލެޓްތަކަކީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާ އެކު ބަދިގެ ހިމެނޭ ފްލެޓްތަކެކެވެ. އެކުވެރިޔާ އަށް ލިބުނު ފްލެޓަށް ވަދެ ބަލާލި އިރު، ކުރިން ފްލެޓްތަކާ ބެހޭ ގޮތުން ބައެއް މީހުން ދައްކާފައި ހުރި ވާހަކަތަކަށް ވުރެ އެތަންތަނުގެ ހާލަތު ރަނގަޅޭ ބުނެވިދާނެ އެވެ. ދެތިން ކުދިންނާއި ދެމަފިރިއަކު އުޅެން މިއީ ހަމަ ޖާގައިގެ ގޮތުން ހެޔޮވަރު ފްލެޓްތަކެކެވެ.

އެކަމަކު މައްސަލަ އަކީ ފްލެޓްތައް ލިބުނު އިރު ކުދިކުދި ބައެއް މައްސަލަތައް ހުރުމެވެ. އޭގެ ތެރެއިން އެއް ކަމަކީ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިން ދަބަރަށްވެ ލުހެން ކައިރިވެފައިވެ އެވެ. އެކުވެރިޔާގެ ފްލެޓަކީ ފްލެޓްތައް ހުރި ސަރަހައްދަށް ބަލާ އިރު މޫދާ ކައިރީގައި ވާ ފްލެޓެކެވެ. އެހެންވެ ގިނަ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލުންތަކާ އެއްގޮތަށް އޭނަގެ ފްލެޓްގެ ރެއިލިން ވެސް އޮތީ ދަބަރަށްވެ ލުހެން ގާތްވެފަ އެވެ. ރެއިލިންގައި ހިފައިލީމާ ދަގަނޑު ތޭރިތައް އަންނަނީ އަތަށެވެ.

މި ރެއިލިންތަކުގެ މައްސަލަ ހައްލުކޮށްދޭން ފްލެޓްތަކުގައި އުޅޭ މީހުން މިހާރު އެތައް ފަހަރަކު ކައުންސިލަށް ވެސް ހުށަހަޅާފައިވެ އެވެ. މި އަހަރުގެ ކުރީކޮޅު ރެއިލިންތައް މަރާމާތުކުރަން ދެ ފަހަރަކަށް ކައުންސިލުން ބީލަމަށް ވެސް ލި އެވެ. ފްލެޓްގެ އެތެރޭގެ ބައެއް ކުޑޮދޮރުތަކުގެ ތަޅުތަކާ އެއްޗެހި ހަލާކުވެ، ދޮރުތައް އެއްގޮތަކަށް ވެސް ނުހުޅުމެވެ. އަދި ބައެއް ދޮރުތައް ހުޅެވެނީ ވަރަށް ހާލުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ފްލެޓްތަކުގެ މެއިޓަނަންސަށް ވެސް 600ރ. އެއްހާ ރުފިޔާ ނަގާކަމެވެ.

ފްލެޓް ލިބުނު އެކުވެރިޔާ ބުނި ގޮތުގައި ކައުންސިލުން މިހާރު އަންގާފައި އޮތީ މަރާމާތަށް ފައިސާ ދިނުމުން އަމިއްލަ އަށް އެކަންކަން ކުރުމަށެވެ. ފްލެޓްތަކުގެ އަނެއް މައްސަލަ އަކީ ބަދިގެއަކަށްވާ ކަހަލަ ބަދިގެއެއް ނެތުމެވެ. ބަދިގެއޭ ކިޔަން ޖެހެނީ ހަމައެކަނި ބަހައްޓާފައި އިން ސިންކަށެވެ.

ބަދިގެ ހަދަން ޖެހެނީ އަމިއްލަށެވެ. އެހެންވެ ބަދިގޭގެ ސިންކާއި އުނދުން ބަހައްޓާނެ ތަނާއި ކަބަޑު ފަދަ ތަކެތި ހަދައި އެޖަސްޓްކުރުމަކީ އަމިއްލަ އަށް ކުރަން ހުރި ކަންކަމެވެ. މުޅި ތަނަށް ބޭނުންވާ ފަރުނީޗަރާއި އާންމު ދިރުއުޅުމަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައި ފުރިހަމަކޮށްފައި ފްލެޓަށް ވަންނަން މަޑުކުރާ ނަމަ މަދުވެގެން މިހާރު އަމިއްލަ އަތުން ތިން ހަތަރު ލައްކަ ރުފިޔާ ދާނެ އެވެ. އެކުވެރިޔާގެ ބޮޑު ބޮލުގެ ރިހުމަކީ ވެސް އެއީ އެވެ؛ އަންބަކާއި ތިން ދަރިން އެބަތިއްބެވެ. އަދާކުރަނީ ސިވިލް ސާވިސްގެ ވަޒީފާއެކެވެ. އާންމު ގޮތެއްގައި މުސާރައިގެ ގޮތުގައި މަހަކު ގެއަށް ގެއަށް ގެންދަން ލިބެނީ 15،000ރ. ވަރަކަށް ރުފިޔާ އެވެ.

"ބޯހިޔާވަހި ކަމަށް އެދިއެދި ހުންނަތާ އެތައް ދުވަހެއް ފްލެޓްގަނޑެއް ލިބުމަކީ ވެސް ހަމަ ބޮޑުވަރެއް. އެކަމަކު މާލީ ހާލަތު ހުރި ގޮތުންނާއި ދިރިއުޅުމުގެ ކަންކަން އަދި ހުރި ގޮތުން ފްލެޓަށް ވަދޭނެ އިރެއް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ." އެކުވެރިޔާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި އޮތް ގޮތަކީ މަޑުމަޑުން ތަނުގައި ކުރަން ހުރި މަސައްކަތްތައް ކުރުމެވެ. ފަހަރަކު ތަނަކަށް ބޭނުންވާ ފަރުނީޗަރު ވެސް ހޯދުމެވެ.

"ކޮޓަރިތަކުގެ ޖާގަ ހުރި ގޮތުން އަހަރެމެން މިހާރު ބޭނުންކުރާ ފަރުނީޗަރު މި ކޮޓަރިތަކަކަށް ނުއެއް ވެއްދޭނެ. އެހެންވެ އާ އެއްޗެހިން ހޯދަން މަޖުބޫރު." ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު މަސައްކަތްކުރަނީ ބަޔަކާ ހަވާލުކޮށްގެން ފްލެޓްގެ ބަދިދޭގެ ސެޓަޕް ހަދާށެވެ. އެހެންވެ އެއަށް ފަހު ދެން ހުރި އެހެން ކަންކަން ދެން މަޑުމަޑުން ކުރަމުން ގެންދާނީ އެވެ.

"އެއްފަހަރާ ބޮޑު ހަރަދެއްކޮށްފައި މުޅި ތަން ސެޓްކުރެވޭ ވަރުގެ ތަނަވަސް ކަމެއް ނެތް. އެހެންވެ އަސްލު ފްލެޓެއް ލިބުމުގެ ހަގީގީ ހިތްހަމަޖެހުމެއް ވެސް ނެތް،" އިންސްޓޯލްމަންޓަށް 19،000ރ. ދައްކައި، މަހަކު 3،000ރ. ދައްކަން ޖެހޭ ފްލެޓާ ބެހޭ ގޮތުން އެކުވެރިޔާ ބުންޏެވެ.