Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރާއްޖޭގެ އާބާދީ އިތުރުކުރަން ޖެހޭ: އަމްރު

ރާއްޖޭގެ އާބާދީ އިތުރުކުރަން ޖެހޭ ކަމަށާއި އާބާދީ ކޮންޓްރޯލްކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އޭނާ މި މޭރުމުން ޓްވީޓްކޮށްފައި ވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެތަނުގެ ޓްވީޓްގައި ބުނެފައި ވަނީ ރާއްޖޭގެ އާބާދީ ކޮންޓްރޯލްކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެއީ އާއިލާ ޕްލޭންކޮށްގެން ކުރެވިދާނެ ކަމެއް ކަމަށެވެ.

އާރްޑީސީގެ މި ޓްވީޓާ ގުޅިގެން އަމްރު ވިދާޅުވީ ރާއްޖެ އަށް ރަނގަޅީ އާބާދީ އިތުރުކުރުން ކަމަށާއި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ކުރިން އެކަމާ އުޅެން ޖެހޭ ކަމަށެވެ. އޭނަގެ ޓްވީޓްގައި އަދި ވަނީ މިދިޔަ މަހު ވެސް ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު 300 އަށް ވުރެ ވެސް މަދުކަން ފާހަގަކުރައްވައިފަ އެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ މަހަކު ވެސް އުފަންވާ ކުދިންނަށް ހަދިޔާ ޕެޖޭކްދޭ ކުންފުންޏެކެވެ. އެގޮތުން މިދިޔަ މަހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ހަދިޔާ ޕެކޭޖް ދީފައި ވަނީ މިދިޔަ މަހު އުފަންވި 241 ކުއްޖަކަށެވެ.

ރާއްޖޭގައި މި އަހަރު ބޯހިމެނުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާ އިރު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އަންދާޒާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އާބާދީ މި އަހަރު 579،330 އަށް އަރާނެ އެވެ.

އދ. އިން އިއްޔެ އާންމުކުރި އާބާދީއާ ބެހޭ ރިޕޯޓްގައިވާ ގޮތުން ދުނިޔޭގެ އާބާދީ މި އަހަރުގެ ނޮވެމްބަރު 15 ގައި 8 ބިލިއަނަށް އަރާނެ އެވެ.