Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އަދާލަތުން އިސްލާމީ އުސޫލުތައް ނަގަހައްޓާނެ: އިމްރާން

އިމްރާން އަބްދުﷲ - ފޮޓޯ: އަދާލަތު ޕާޓީ

އިސްލާމީ އުސޫލުތައް ނެގެހެއްޓުމުގައި އަދާލަތު ޕާޓީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި އެ މީހުންނަށް އެހީވާ މީހުން ހައްޔަރު ނުކުރާތީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ އިރު، އެފަދަ އަމަލު ހިންގާ މަންޒަރު ފެންނަ ތިން ވީޑިއޯއަކާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އާންމުވި އެއްޗެހިން ފެންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކާއި އެފަދަ މީހުންނާ ގުޅުން އޮންނަ ބައެކެވެ.

ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވިޔަސް ރާއްޖޭގައި ފަހަކަށް އައިސް ދީނާ ހިލާފު އަމަލެއް ވަރަށް ފާޅުގައި ކުރުން އާންމުވެފައިވެ އެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން އަންނަނީ ގައުމުގެ މިހާރު އޮތް ހާލަތާ މެދު އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.