Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ހާރިޖީ ކަންކަމުގައި ގޮތް ނޭންގޭ ޑީލް ހަދާކަން ހާމަވެއްޖެ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު--

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައުމުން، ހާރިޖީ ކަންކަމުގައި ގޮތް ނޭންގޭ ޑީލް ހަދާކަން ހާމަވެފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައުމާ ގުޅިގެން އެކަމަށް ފާދުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، މިކަމުގައި ފޮރިން މިނިސްޓްރީން ހިމޭނުން އޮތުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިކަމަކީ ރާއްޖޭގެ ސިޔާދަތު ގެއްލިފައިވާކަމާއި، ހާރިޖީ ކަންކަމުގައިވެސް ގޮތް ނޭންގޭ ޑީލްސް ހަދަމުންދާކަން ހާމަވާ ކަމެއް ކަމަށެވެ.

"ސަރުކާރުން ގޮތަބަޔަ އަށް ހިމާޔަތް ދިނީތަ؟" އާދަމް ޝަރީފްގެ ޓްވީޓްގައި ސުވާލު އުފައްދާފައިވެއެވެ.

މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، "އޭއެފްޕީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ބޮޑީގާޑެއް ވަނީ ރޭ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ މިލިޓަރީ ޖެޓެއްގައި ކަމަށްވެސް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.