ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަން މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ހާމަކޮށްފިއެވެ.
މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، "އޭއެފްޕީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ބޮޑީގާޑެއް ވަނީ ރޭ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން އެމްއެންޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ.
— Maldives National Party (@MNP_Secretariat) July 13, 2022
ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ޕްރޮޓޮކޯލްތައް އޮންނަގޮތުން މިފަދަ ގޮތަކަށް އަންނަ ބޯޓަކަށް ރާއްޖޭގައި ޖެއްސެނީ ޑިފެންސް މިނިސްޓްރީން އަދި ފޮރިން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާ ކުރާ މީހުން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.
ގޮތަބަޔަ ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު ރަނިލްގެ ވެސް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.