Last Updated: June 29, 21:20
Monday, June 29, 2026
ރިޕޯޓް

ގަން އެއާޕޯޓް ތަރައްގީ އޮޅުންބޮޅުމެއްގައި!

ގަމުގެ ވައިގެ ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވުމަކީ މިއަދު އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ. އެމަސައްކަތަކީ އައްޑޫގެ ތަރައްޤީގެ އެންމެ މުހިއްމު ބައެވެ. ގަމުގެ ވައިގެ ބަނދަރުގެ މަސައްކަތާއި ގުޅޭ ކަންކަން އައްޑޫ މީހުން ބަލަމުން އަންނަނީ ވަރަށް ގާތުންނެވެ. އެހާމެ ޝައުގުވެރިކަމާއި އެކުއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތު 3 ދުވަހަށް ކުޑަވެފައިވާއިރު ކެމްޕެއިން ބައްދަލުވުން ތަކާއި ކެންޑިޑޭޓުންގެ ބަހުސްތަކުގައި ގަމުގެ ވައިގެ ބަނދަރުގެ ވާހަކަ އަބަދު އަންނަނީ ދައްކަމުންނެވެ. ހުރިހާ އެންމެންވެސް ދައްކަނީ އެއްވާހަކައެކެވެ. ގަމުގެ ވައިގެ ބަނދަރު ތަރައްޤީވެގެން ނޫން ގޮތަކަށް އައްޑޫއަށް ދިރުމެއް ނެތްވާހަކައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުންނާއި، އިދި ކޮޅު ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓުން މިވާހަކަ ދައްކާއިރު ގަމުގެ ވައިގެ ބަނދަރުގެ ތަރައްޤީގެ މަސައްކަތް މިހާރު އޮތް ހިސާބު ބަލާލިންތޯއެވެ؟ އެ މަސައްކަތް ހަރުދަނާ ގޮތަކަށް ކުރިއަށްދާކަން ޔަގީންތޯއެވެ.

ރައީސް ވަހީދުގެ ސަރުކާރުން "އުދަނގޫ" ގިނަ ކަންތައް ތަކެއް ހުރެ ނަމަވެސް އެއާޕޯޓް ރަންވޭ ހިއްކުމުގެ މަސައްކަތް ފެށިއެވެ.

a2

އެސްޓިއޯއާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ އިންޓަނޭޝަނަލް އެއާޕޯޓާއި ޗަމްޕާގެ ބޮޑު ހިއްސާއެއްވާ ކާސާއިން ގުޅިގެން އުފެއްދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޑޫގެ ފަހުރުވެރި ދަރިއެއްކަމަށް ވާ ޝާހިދް އަލީ (ޝާޑް) ހުންނަވައިގެން ކުރައްވަމުން ދިޔަ މަސައްކަތް ދިޔައީ ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ. އެންމެ ފަހުގެ ހަބަރުތައް ރާއްޖޭގެ މީޑިއާތަކަށް ޝާޑް ދިޔައީ ހާމަކޮށް ކިޔައިދެމުންނެވެ.

ފައިސާގެ ދަތިކަން ހުރެ ނަމަވެސް މަސައްކަތް ދިޔައީ ކުރަމުންނެވެ. އެކަމަށްޓަކައި ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް އެމްޑީއަކަށް ހުންނަވައިގެން ޝާޑް ދިޔައީ ކުރައްވަމުންނެވެ. އައްޑޫގެ ތަރައްޤީއަށް އެއާޕޯޓްގެ މުހިއްމުކަން އަބަދުވެސް ޝާޑް ދިޔައީ ރައްޔިތުންނަށް ކިޔައިދެމުންނެވެ.

a3

ވަހީދުގެ ސަރުކާރު ނިމި މިހާރުގެ ރައީސް ކަމާއި ޔާމީން އަބްދުލް ގައްޔޫމް ހަވާލު ވުމާއި އެކު އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ޝާޑް ވަކި ކުރެއްވިއެވެ. އަދި އެއާއި އެކު އަައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގައި ޝާޑްގެ ރޯލް އެއްކޮށް ނިމި ކަފުން ކުރެވުނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ހުއްޓިއްޖެއެވެ.

ދެން އިވެން ފެށީ ޝާޑް އަށް ނުސީދާ ގޮތަށް ފާޑު ކިޔަމުން ދިޔަ އަޑެވެ. ތައްޔާރުވުމެއް ނެތި އައްޑޫ އެއާޕޯޓްގެ މަސައްކަތް ފެށި ވާހަކައެވެ. ގާބިލް ބަޔަކު މިކަން ކުރަން ކުންފުނީގައި ނެތްވާހަކައެވެ.

އެސްޓިއޯގެ އެމްޑީއަކަށް އާދަމް އާޒިމް ހަމަޖެއްސުމާއި އެކު އައްޑޫ އެއާޕޯޓް ކޮމެޕެނީގެ އެމްޑީކަންވެސް އާޒިމް ހަމަޖެހުނެވެ. މިއަދު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއް ހިއްސާދާރު ކުންފުނި ކަމަށްވާ ގަން އިންޓަނޭޝަން އެއާޕޯޓް ކުންފުނީގެ ބޯޑެއް ނެތެވެ. ސަރުކާރުންވަނީ އެކުންފުނީގެ ބޯޑު އުވާލާފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ބޯޑު އުވާލާފައިވާ އިރު އެކުންފުންޏަކީ ގަމުގެ އެއާޕޯޓްގެ ބެލެނިވެރި ފަރާތެވެ.

އެއާޕޯޓްގެ ތަރައްޤީ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެތައް ފަހަރަކު އާޒިމްއަށް "އައްޑޫލައިވް" އިން ގުޅަން މަސައްކަތް ކުރެވިއްޖެއެވެ. މެސެޖް ކުރެވިއްޖެއެވެ. އެކަމަކު އެއްވެސް ފަހަރަކު ގުޅޭ ގޮތެއް މެސެޖަކަށް ރިޕްލައި މިންވަރުވެސް ކޮށްފައި ނުވެއެވެ.

a5

ގަމުގެ އެއާޕޯޓްގެ މަސައްކަތް ކުރަމުން އަންނަ ގަލްފު ކޮބްލާއިން ބުނީ ކޮނުމުގެ މަސައްކަތް މުޅިން ހެން ނިމިއްޖެކަމަށެވެ. އަދި ކޮނުނު ސަރަހައްދުގައި ރިވެޓްމަންޓްގެ މަސައްކަތް ކުރުމަށް ތައްޔާރު ވަމުން އަންނަކަމަށެވެ.

ގަމުގެ އެއާޕޯޓް ތަރައްޤީގެ "ބިޔަ" މަޝްރޫއު ކުރިއަށްދަނީ "ފިނިހަކަ" ދުވެލީގައެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މިކަން ކުރަން ސަރުކާރުން އުޅޭ މަންޒަރެއް ނުފެނެއެވެ.

މި ބިޔަ މަޝްރޫއު ފެންނަނީ އޮޅުން ބޮޅުން ގަޑެއްގެ ތެރެއިންނެވެ. ރައީސް ޔާމީން ދެވަނަ ދަތުރުފުޅުގައި މިރޭ އައްޑޫ ރައްޔިތުންނާއި ބައްދަލުކުރާނެކަަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުރީ ފަހަރުގައިވެސް ރައީސް ދެއްކެވީ ވަރަށް ނާއުއްމީދީ ވާހަކަތަކެވެ. މިފަހަރު ކިހާ ވަރަކުން ދާނެބާވައެވެ.