ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސް ރާއްޖެ ގެނައުން ޕީޕީއެމް ޕީއެންސީން ކުށްވެރި ކޮށްފިއެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނި މިކަންކަމުގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައިސް މުހައްމަދު ނަޝީދު ޖަވާބުދާރީ ވުމަށް ގޮވާލާފައެވެ.
"އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަޙައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުކަމަށްވާތީ، މިކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ގޮވާލަމެވެ. ހަމައެއާއެކު މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓރ ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީވުމަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ގޮވާލާފައެވެ.
ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.