Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

"ޗާޓައިމް" އައްޑޫގައި ހުޅުވައިފި

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް" ގެ އައުޓްލެޓެއް އައްޑޫ ހިތަދޫގައި ހުޅުވައިފި އެވެ.

މިއީ އައްޑޫގައި ހުޅުވި ބޭރުގެ ފުރަތަމަ ފްރެންޗައިޒް ބްރޭންޑެވެ. މި އައުޓްލެޓް ހުންނާނީ ހިތަދޫ ކޮމަންޑޫގެ ހުންނަ ސަރަހައްދުގަ އެވެ.

އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޗާޓައިމް" ގެ 2،500 އަށް ވުރެ ގިނަ އައުޓްލެޓް 38 އަށް ވުރެ ގިނަ ގައުމުގައި ހުރެ އެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ފްރާންސްގެ އިތުރުން ގަލްފުގެ ގައުމުތައް ކަމަށްވާ ޔޫއޭއީ، އޮމާން، ކުވައިތު އަދި ގަތަރު، ހިމެނެ އެވެ.

އޭޝިއާ ސަރަހައްދުގެ 17 ގައުމެއްގައި ވެސް "ޗާޓައިމް" ހުރެ އެވެ. އޭގެ ތެރޭގައި އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް ފަދަ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުތައް ފާހަގަކޮށްލެވެ އެވެ.

މީގެ 17 އަހަރު ކުރިން ވުޖޫދަށް އައި "ޗާޓައިމް" އަކީ އެކި ވައްތަރުގެ ބުއިންތަކަށް ހާއްސަ ވިޔަފާރިއެކެވެ. އޭގެ ތެރޭގައި ބަބްލް ޓީ، އައިސްޑް ޓީ، އަދި ސައިގެ އެކި ވައްތަރުތައް ހިމެނެ އެވެ.