Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ދީނަށް އެންމެ ބޮޑަށް ހިދުމަތްކުރީ އަދާލަތުން

ޑރ.އިޔާޒު، މިނިސްޓަރު އިމްރާނާއެކު - ފޮޓޯ: ސަން

އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް އިސްލާމްދީނަށް ހިދުމަތް ކުރި ބަޔަކު ރާއްޖޭގައި ނެތް ކަމަށް އަދާލަތުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކަށް ގަބޫލު ކުރެވުނަސް، ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާއި ބަޔަށް ބެލިޔަސް ނޫނީ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ޕާޓީއެއް ވެސް ނުވަތަ ޖަމާއަތެއް ވެސް ރާއްޖޭގައި ނެތްކަމީ ހަގީގަތެއް ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ދެކޮޅަށް އަދާލަތު ޕާޓީ ވެސް ހިމެނޭ ސަރުކާރުން ފިޔަވަޅު ނާޅާތީ އެ ޕާޓީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ އިރު، އެފަދަ އަމަލު ހިންގާ މަންޒަރު ފެންނަ ތިން ވީޑިއޯއަކާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އާންމުވި އެއްޗެހިން ފެންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކާއި އެފަދަ މީހުންނާ ގުޅުން އޮންނަ ބައެކެވެ.

ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވިޔަސް ރާއްޖޭގައި ފަހަކަށް އައިސް ދީނާ ހިލާފު އަމަލެއް ވަރަށް ފާޅުގައި ކުރުން އާންމުވެފައިވެ އެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން އަންނަނީ ގައުމުގެ މިހާރު އޮތް ހާލަތާ މެދު އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.