Last Updated: July 18, 13:21
Saturday, July 18, 2026
ޚަބަރު

ބޮޑީބިލްޑިންގެ އަންހެން ބައި ކްރޮސްރޯޑްސް އަށް

އަންނަ ހޮނިހިރު ރާއްޖޭގައި ފަށަން ހަމަޖެހިފައިވާ 54 ވަނަ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީ ކްރޮސްރޯޑްސްގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ވެސް ރޭވި ގޮތަށް މުބާރާތުގެ ފިރިހެނުންގެ ބައި ފިރިހެނުން ބައި ކުރިއަށް ގެންދާނީ މާފުށީގައި ޓޫރިސްޓުން މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދުގައި ކަމަށެވެ. ކުރިން މުބާރާތުގެ އަންހެން ބައި ވެސް ބާއްވަން އޮތީ އެ ރަށުގަ އެވެ.

ނަމަވެސް ދެ ޖިންސްގެ މީހުންގެ ހަށިގަނޑު ނިވާކަން ކުޑަކޮށް ދައްކައިލަން ބާއްވާ މުބާރާޔތް މީހުން ދިރިއުޅޭ ރަށެއްގައި ދެ ޖިންސް މަސްހުނިކޮށް ބާއްވަން ނިންމުމުން ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް ވަނީ މުބާރާތް ރާއޖޭގައި ނުބާއްވައި އެކަން ހުއްޓައިލަން ވެސް ގޮވާލާފައިވެ އެވެ.

މުބާރާތުގެ އަންހެން ބައި ކްރޮސްރޯޑްސް އަށް ބަދަލުކުރީ ވެސް މި ސަބަބާ ހުރެ އެވެ. މުބާރާތް ކުރިއަށް ދާނީ މި މަހުގެ 15-21 އަށެވެ.

އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ 20 އެތުލީޓަކު ވެސް ބައިވެރިވެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ މުބާރާތަކީ އިންޓަނޭޝަނަލް ބޮޑީ ބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2001 ގެ ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވި އެވެ.