Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގޮޓަބަޔާ ބަލައި ޕްރައިވެޓް ޖެޓެއް އަތުވެއްޖެ

އިއްޔެ ރޭ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ބަލައި ޕްރައިވެޓް ޖެޓެއް ރާއްޖެ އަށް މިއަދު އަތުވެއްޖެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ލަންކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޑެއިލީ މިރާގެ ޑެޕިއުޓީ އެޑިޓަރު ޖަމީލަ ހުސައިން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެ ޖެޓްގައި ގޮޓަބަޔާ ވަރަށް އަވަހަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ގޮޓަބަޔާ އާއި އަނބިކަނބަލުން ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ ރޭ މެންދަމު އެވެ.

އެ ބޭފުޅުން މިހާރު ތިއްބެވީ އިތާފުށި ރިސޯޓްގަ އެވެ.

ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ އިއްޔެ މަގާމުން އިސްތިއުފާ ވެސް ދެއްވަން ހަމަޖެހިފައި ވަނިކޮށެވެ. އޭނާ އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ނަމަވެސް އަދިވެސް ރަސްމީކޮށް އިސްތިއުފާއެއް ނުދެއްވަ އެވެ. އަދި ގޮޓަބަޔާ ފިއްލެވުމާ އެކީ ލަންކާގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ވަގުތީ ރައީސެއްގެ ޒިންމާ މިހާރު އަދާކުރައްވަނީ ބޮޑުވަޒީރަކަށް ހުންނެވި ރަނިލް ވިކްރަމަސިންހަ އެވެ. ލަންކާގެ ރައްޔިތުން ގޮވަނީ ގޮޓަބަޔާ އާއި ރަނިލް ވެސް މަގާމުތައް ދޫކޮށްލުމަށެވެ.