Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އިމްރާނަށް ޑރ. ޖަމީލުގެ ރައްދެއް

ރާއްޖޭގައި ދީނަށް އެންމެ ހިދުމަތްކުރި ޕާޓީ އަކީ އަދާލަތު ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކަމަށް ރައްދު ދެއްވައިފި އެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބަނގުރާ އާންމުވުމާއި ހަށިވިއްކުމާއި އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރުމާއި ޖިންސީ ފާހިޝް އަމަލުތައް މިހާ ބޮޑަށް އާންމުވީ އިމްރާންގެ ހޯމް މިނިސްޓަރުގެ ކަމުގައި ކަމަށެވެ. އެހެންވެ މިއީ ދީނަށް ހިދުމަތްކުރުންތޯ ސުވާލު އުފައްދަވާފައިވެ އެވެ.

"ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވައެއް ނުލެވޭނެ. ކޮބާ މޭޑޭގައި ކުރި ތުހުމަތުތައް [ވެސް]؟" އޭނާ ވިދާޅުވި އެވެ.

އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަޔަކަށް ގަބޫލު ކުރެވުނަސް، ނުކުރެވުނަސް ވޭތުވެ ދިޔަ ތިން އަހަރާއި ބަޔަށް ބެލިޔަސް ނޫނީ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތްކުރި ޕާޓީއެއް ވެސް ނުވަތަ ޖަމާއަތެއް ވެސް ރާއްޖޭގައި ނެތްކަމީ ހަގީގަތެއް ކަމަށެވެ.

އިމްރާން އެ މޭރުމުން ވާހަކަ ދެއްކެވި އަދާލަތު ޕާޓީއަށާއި އެ ޕާޓީގެ އިލްމުވެރިންނަށް ކުރެވޭ އެކިއެކި ތުހުމަތުތައް ގިނަ އެވެ. ހާއްސަކޮށް ދީން ހަތިޔާރަކަށް ހަދައި ވާހަކަ ދައްކައި، ސިޔާސީ މަންފާތަކަށް ދީނީ ކަންކަމުގައި ހައްގު ބަސް އެ ޕާޓީން ނުބުނާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.