Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގެންފި، ހިމާޔަތެއް ނުދޭ

ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ލަންކާ އިން ފިއްލަވައިގެން މިދިޔަ އަންގާރަ ދުވަހުގެރޭ ގޮޓާބަޔާ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެ އަށެވެ. އަދި މިއަދުގެ ވަގުތެއްގައި ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ މަތިންދާބޯޓެއްގަ އެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގޮޓާބަޔާ ސިންގަޕޫރަށް އެތެރެވުމަށް ހުއްދަ ދީފައިވާ ކަމަށާއި އޭނާ އެގައުމަށް ވަޑައިގެންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެގައުމުގެ ހިމާޔަތަށް ގޮޓާބަޔާ އެދިފައި ނުވާ ކަމަށާއި އަދި އެފަދަ ނިންމުމެއް ސިންގަޕޫރުން ވެސް ނިންމާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގޮޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ސެކިއުރިޓީ ދެ އޮފިސަރަކު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މުޒާހަރާތަކާ ގުޅިގެން މަގާމުން އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ގޮޓަބަޔާ މީގެކުރިން އިއުލާންކުރެއްވި ނަމަވެސް މިހާތަނަށް އޭނާ އިސްތިއުފާ ހުށަހަޅުއްވާފައެއް ނުވެ އެވެ.

މަގާމުން އިސްތިއުފާ ނުދެއްވި ނަމަވެސް ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ގޮޓާބަޔާ ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ހަވާލުކުރައްވާފަ އެވެ.