ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޮޓާބަޔާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވާފަ އެވެ.
ގޮޓާބަޔާ އިސްތިއުފާގެ ސިޓީ ފޮނުއްވާފައިމިވަނީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އެވެ.
ލަންކާ އިން ފިއްލަވައިގެން މިދިޔަ އަންގާރަ ދުވަހުގެރޭ ގޮޓާބަޔާ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެ އަށެވެ. އަދި މިއަދުގެ ވަގުތެއްގައި ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ މަތިންދާބޯޓެއްގަ އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގޮޓާބަޔާ ސިންގަޕޫރަށް އެތެރެވުމަށް ހުއްދަ ދީފައިވާ ކަމަށާއި އޭނާ އެގައުމަށް ވަޑައިގެންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެގައުމުގެ ހިމާޔަތަށް ގޮޓާބަޔާ އެދިފައި ނުވާ ކަމަށާއި އަދި އެފަދަ ނިންމުމެއް ސިންގަޕޫރުން ވެސް ނިންމާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގޮޓާބަޔާއާ އެކު އޭނާގެ އަނބިކަނބަލުންނާއި ސެކިއުރިޓީ ދެ އޮފިސަރަކު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ގޮޓާބަޔާ މަގާމުން އިސްތިއުފާ ދެއްވިއިރު ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ގޮޓާބަޔާ ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ އިއްޔެ ހަވާލުކުރައްވާފަ އެވެ.