ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރު ކަމަށްވާ މަންކީޕޮކްސްގެ ކޭހެއް އިންޑިއާ އިން ފެނިއްޖެ އެވެ.
މި ކޭސް ފެނިފައިވަނީ އިންޑިއާގެ ކެރެލާ އިންނެވެ. މިއީ އިންޑިއާ އިން މި ބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ޔޫއޭއީ އިން ކެރެލާ އަށް އައި ފިރިހެނެއް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ކޮންޓެކްޓުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށް ވީނާ ވިދާޅުވި އެވެ.
މަންކީޕޮކްސްގެ 8،000 އަށް ވުރެ ގިނަ ކޭސް 57 ގައުމަކުން މިހާތަނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
މަންކީޕޮކްސް މީގެ ކުރިން ބޮޑަށް ފެނިފައި ވަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ދުރު ހިސާބުތަކުންނެވެ. އަދި މި ބައްޔަކީ އެއަށް ހާއްސަ ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް ނެތް ބައްޔެކެވެ.
މަންކީޕޮކްސް މުޅި ދުނިޔެ އަށް ފެތުރިދާނެތީ ޑަބްލިއުއެޗްއޯ އިން ވަނީ އެކަމުން ރައްޔާތެރިވެ ތިބުމަށް އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގިނަ މީހުން އެއްތާކަށް ޖަމާވުން ފަދަ ކަންކަމާ ދުރުވާން އެދިފައިވެ އެވެ.